ޚަބަރު

ފަތުރުވެރިކަން ފަތުރާލުމަށް ޚިދުމަތްތައް ދަނީ ފުޅާކުރަމުން: ރައީސް


ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަތުރައިލުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންތައްތައް މިހާރު ކުރަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަން ފެށުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދިޔަގޮތާއި އިތުރަށް ކުރަން ހުރިކަންކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެކަމަށާއި، ވެވެންއޮތް ހުރިހާ އެހީތެރިކަމެއް ވެދޭނެ ކަމުގެ ޔަޤީންކަން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދެއްވާފައެވެ.

ރައީސް ވިދާޅުވީ، މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަތުރައިލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވަރަށް މުހިންމު އެހެން ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭއިރު، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމެއް، ކޮންމެ ރަށެއްގައި ޤާއިމުވެފައި އޮންނަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުރިހާ ރަށެއްގައި، އިންޓަރނެޓްގެ ޚިދުމަތް ފަސޭހައިން ލިބޭނެގޮތް، ހަމަޖެހިގެން ދިއުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި، ގެސްޓްހައުސްއާއި ހޯމް ސްޓޭގެ ޚިދުމަތް، ތަޢާރަފް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން މިހާރު މި އަންނަނީ މި ދެންނެވި ކަންތައްތައް އިރާދަކުރެއްވިއްޔާ ކުރަމުން. ވައިގެ މަގުންނާއި، ކަނޑު މަގުން ފަސޭހައިން ދަތުރުކުރެވޭނެ ވިއުގައެއް ޤާއިމުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. ޑޮމެސްޓިކް ވައިގެ ބަނދަރުތައް އެބަ އިތުރުކުރަން. ހަނިމާދުއާއި އައްޑޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އެބަ ތަރައްޤީކުރަ. ކަނޑުމަގުން ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ ހައި ސްޕީޑް ފެރީ ނިޒާމެއް މި އަންނަނީ ޤާއިމުކުރަމުން. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސްމި އަންނަނީ ކުރަމުން" ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވަޒީފާ އަދާކުރާ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަކީ، ސަރުކާރުން މިއަދު ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާ ކަމެއްކަމަށާއި، އެގޮތުން ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިހާރު މުޅި ދުނިޔެ ތަޖުރިބާ ކުރަމުންމިދާ ކޯވިޑް-19ގެ ދަތިކަމުގައި، އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަތުރުވެރިކަމުގެ ޞިނާޢަތަށްކަމުގައި ވީނަމަވެސް ވަރަށް ކުރު މުއްދަތެއްގައި، ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން، ކުރީގެ ޙާލަތަށް ބަދަލުވަމުން މި އަންނަނީ، ޞިނާޢަތުގެ އެންމެހައި ބައިވެރިންގެ ބުރަ މަސައްކަތުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މުވައްޒަފުންގެ ހިއްވަރާއި ދެއްވި ޚާއްސަ އިސްކަމުގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން މިހާރު ވަނީ ޔަޤީންކޮށްދީފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކޯވިޑުގެ ދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށުމުގައިވެސް، ރިޒޯޓް މުވައްޒަފުން އަދާކުރީ، ޝުކުރާއި ތަޢުރީފް ޙައްޤު މަސައްކަތްތަކެއް. މި ޞިނާޢަތުގެ 99 އިންސައްތަ މުވައްޒަފުން، ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި. އަދި 92 ޕަސެންޓް މުވައްޒަފުން ދެ ޑޯޒް ފުރިހަމަކޮށް، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން މިހާރު ވަނީ ޔަޤީންކޮށްދީފައި. އާދެ، ސަނީސައިޑަށް ވަނީ އިރުއަރާފައި" ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތު ތަރައްޤީކޮށް ދެމެހެއްޓުމުގައި ގިނަ ބައެއްގެ ޙިއްޞާ އޮތްކަން ފާހަގަކުރައްވައި ރައީސް ވަނީ އަމިއްލަ ރަށާއި ޢާއިލާއާ ވަކިން ދުރުގައި ވަޒީފާ އަދާކުރަމުން ގެންދާ، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން، އަދާކުރަނީ މުހިންމު ދައުރެއްކަމަށް ވިދާޅުވެފައެވެ. އަދި ފަތުރުވެރިކަމާއި ގުޅިހުންހުރި ހުރިހާ ފަރާތްތަކުން، ޞިނާޢަތުގެ ތަރައްޤީއަށް ކުރައްވާ އިޚްލާޞްތެރި މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.