ޚަބަރު

ޠާލިބާނުންގެ ވެރިކަން ޤަބޫލުކުރުން ނޫން ގޮތެއް އެމެރިކާއަކަށް ނެތް: ޕާކިސްތާން


އަފްޣާނިސްތާނުގައި އޮތް ޠާލިބާން ޖަމާޢަތުގެ ވެރިކަން ޤަބޫލުކުރުން ނޫން ގޮތެއް އެމެރިކާއަށް ނެތްކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމުރާން ޚާން ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުގެ ޓީވީ ޗެނަލަކާ ވާހަކަދައްކަވަމުން އިމުރާން ޚާން ވިދާޅުވީ ފަސޭހާކަމާއެކު އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުން އެމެރިކާއަށް ބޮޑު ހައިރާންކަމެއް ލިބިފައިވާކަމަށެވެ. އަދި އެ ކަމުގެ ޒިންމާ ނުޙައްޤުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިސްތަށިފުޅުގައި އަޅުވަން އެ ޤައުމުގެ ޢާއްމުން މަސައްކަތްކުރާކަމަށް އިމުރާން ވިދާޅުވިއެވެ. ބޭރު ޤައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ މުދަލާއި ފައިސާ އެމެރިކާއިން ހިފަހައްޓާފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެ ކަމުގެ ސަބަބުން އަފްޣާނިސްތާނުގެ ރައްޔިތުންނަށް ބޮޑު މުސީބާތަކާ ކުރިމަތިލާންޖެހޭނެކަމަށެވެ.

ޠާލިބާނުންގެ ވެރިކަން ޕާކިސްތާނުގެ ސަރުކާރުން ބަލައިގެންފައިވޭތޯ ސުވާލުކުރުމުން އިމުރާން ވިދާޅުވީ އަސްކަރީ ގޮތުންނާއި ގަދަބާރުން މައްސަލަތައް ޙައްލުކުރުމަށް އޭނާ ތާޢީދުނުކުރައްވާކަމަށެވެ. އަދި ޕާކިސްތާނުން އެކަނި ޠާލިބާނުންގެ ވެރިކަން ޤަބޫލުކޮށްގެން ލިބޭނެ ފައިދާއެއް ނެތްކަމަށާއި އެ ކަމުގައި ސަރަޙައްދީ ޤައުމުތަކުގެ ބައިވެރިވުން މުޙިއްމުކަމަށް އިމުރާން ވިދާޅުވިއެވެ. އޭގެ އިތުރުން އަފްޣާނިސްތާނުގައި ހިނގަމުންދަނީ ތާރީޚީ ހާދިޘާތަކެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ޤައުމުގައި ހަމަނުޖެހުން އުފެދި ގިނަ ޢަދަދެއްގެ ބަޔަކު ޤައުމު ދޫކޮށް ދާން ބޭނުންވެއްޖެނަމަ އެ ކަމުގެ އަސަރު އަފްޣާނިސްތާނާ އިންވެގެން އޮންނަ ޤައުމުތަކަށް ކުރާނެކަމަށެވެ. އަދި އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުވެފައި އޮތުމަކީ ސަރަޙައްދީ ޤައުމުތަކަށް އެ ކަމުގެ މަންފާ ލިބޭނެކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތުރުކީވިލާތުގެ ޓީވީ ޗެނަލުގައި ވާހަކަދައްކަވަމުން އިމުރާންވަނީ ޕާކިސްތާނުގައި ޙަރަކާތްތެރިވާ ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންނާ ޞުލްޙަ ޤާއިމުކުރުމަށް މަޝްވަރާކުރަމުންދާކަމަށެވެ. އަދި ޞުލްޙަ ޤާއިމުކޮށް ޙަމަލާބަދަލުކުރުން ހުއްޓާލައިފިނަމަ އެ ޖަމާޢަތުގެ ހަނގުރާމަވެރިންނަށް މަޢާފުދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.