ޚަބަރު

އެމްއާރުއެމްގެ ފުރަތަމަ ކޮންވެންޝަން ބާއްވައިފި


މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރުއެމްގެ ކޮންވެންޝަން ބާއްވައި، ޕާޓީގެ އިސް މަޤާމްތަކަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އެމްއާރުއެމްގެ ކޮންވެންޝަން މިއަދު އޮންލައިންކޮށް ބާއްވާފައިވާއިރު، މިއީ އެޕާޓީ ރަޖިސްްޓްރީވިފަހުން ބޭއްވި ފުރަތަމަ ކޮންވެންޝަންއެވެ.

އެމްއާރުއެމްއިން މިއަދު ބޭއްވި ކޮންވެންޝަންގެ ކުރިން ބައެއް މަޤާމްތަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށް ބޭފުޅުން ކުރިމަތިލާފައިވުމުން، 12 މަޤާމަކަށް އިންތިޚާބަކާއި ނުލައި ބައެއް ބޭފުޅުން ވަނީ ހޮވިވަޑައިގެންފައިކަމަށް އެމްއާރުއެމްއިން ބުނެއެވެ. އެގޮތުން ޕާޓީގެ ޒައީމްގެ މަޤާމަށް ރައީސް މައުމޫން އަދި ޕާޓީގެ ރައީސްކަމަށް ފާރިސް މައުމޫން، އަދި އަންހެން މެމްބަރުންގެ ތެރެއިން ނާއިބް ރައީސްކަމަށް ޚާއްސަކުރި މަޤާމަށް ނާދިރާ ވަނީ އިންތިޚާބަކާއި ނުލައި ހޮވިފައެވެ. ޕާޓީގެ ދެ ނާއިބު ރައީސުން ތިއްބަވާއިރު، މިއަދު ބޭއްވި ކޮންވެންޝަންގައި ޕާޓީގެ ނާއިބު ރައީސްކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވަނީ އިންތިޚާބުކޮށްފައެވެ.

މީގެއިތުރުން ޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ރައީސްކަމާއި ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސްކަމާއި އަންހެނުންގެ ކައުންސިލްގެ ރައީސްކަމާއި އެކައުންސިލްގެ ނާއިބު ރައީސްކަމުގެ މަޤާމަށްވެސް އިންތިޚާބަކާއި ނުލައި ބޭފުޅުން ވަނީ ހޮވިފައެވެ.

ކަނޑައަޅާފައިވާ އަދަދަށް ވާދަކުރުމުން އިންތިޚާބަކާއި ނުލައި ހޮވުނު އެހެން މަޤާމުތަކުގެ ތެރޭގައި އިންތިޚާބު ކޮމިޓީ، ސުލޫކު ކޮމިޓީ އަދި އިސްތިއުނާފް ކޮމިޓީގެ މެމްބަރުން ހިމެނެއެވެ.

މަޤާމްތަކަށް ބޭފުޅުން އައްޔަންކުރުމުގެ އިތުރުން އެމްއާރުއެމްއިން މިއަދު ބޭއްވި ކޮންވެންޝަންގައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުތައްވެސް ފާސްކޮށްފައެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރަޖިސްޓާކޮށްފައިވަނީ 2019 ވަނަ އަހަރު ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ.