ޚަބަރު

ފަލަސްޠީނަށް އެހީތެރިވުމަށް އަހަރަކު 800 މިލިޔަން ޑޮލަރު ބޭނުންވޭ


ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އަހަރަކު 800 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް އދން ބުނެފިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އދން ޤާއިމުކޮށްފައިވާ ޚާއްޞަ އިދާރާއިން ބުނާ ގޮތުގައި ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާ ތަރައްޤީކޮށް ޢާއްމު ޚިދުމަތްތައް ފޮރުކޮށްދިނުމަށް ގިނަ ޢަދަދެއްގެ ފައިސާ ބޭނުންވާކަމަށެވެ. އެ ގޮތުން އެހީ ހޯދުމަށް ބެލްޖިޔަމުގެ ބުރަސަލްސްގައި ބާއްވާ ބައްދަލުވުމުގައި ފައިސާ ހޯދުމަށް މަސައްކަތްކުރާނީ އެ ދާއިރާތަކުންކަމަށް އދންވަނީ ބުނެފައެވެ. އަދި ބޭނުންވާ މިންވަރަށް އެހީތެރިކަން ކަށަވަރުކުރެވިއްޖެނަމަ 700 މަދަރުސާއަށް އޭގެ ފައިދާކޮށް 550,000 ކުޑަކުދިންގެ ކެއިންބުއިމުގެ ކަންކަން އިންތިޒާމުކޮށް ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް މަގުފަހިވާނެކަމަށެވެ. އދން ބުނެފައިވަނީ ގެދޮރުގެއްލިފައިވާ ފަލަސްޠީނުގެ 5 މިލިޔަން މީހުންނަށް ކުރިޔަށް އޮތް ދެ މަސްދުވަހަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް 100 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށެވެ.

އދ މެދުވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުންދަނީ އެމެރިކާއިންނެވެ. އެ ގޮތުން އެމެރިކާއިން އަހަރަކު 365 އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ފަލަސްޠީނަށް ފޯރުކޮށްދެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ފަހުން އެމެރިކާއިން ދެމުންދާ އެހީތެރިކަންވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ.