ޚަބަރު

ލަންކާގައި ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށް، ފުރަބަންދު އުވާލައިފި


ސްރީލަންކާގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު ދަށްވާން ފެށުމުން އެ ޤައުމުގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައް އުވާލައިފިއެވެ.

ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރެން ފެށުމުން ސްރީލަންކާގައި ފުރަބަންދުގެ އުޞޫލުތައް އިޢުލާންކޮށްފައިވަނީ އޮގަސްޓު މަހުގެ 20ވަނަ ދުވަހުއެވެ. އަދި ކޯވިޑްގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރުކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރުން ހުއްޓުވުމަށް ލަންކާގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ މުއްދަތުވަނީ ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ.

ލަންކާގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައް އުވާލި ނަމަވެސް އެ ޤައުމުގެ ސަރުކާރުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އިޢުލާންކޮށްފައެވެ. އެ ގޮތުން މުޙިއްމު ސަބަބެއް ނެތި ބޭރަށް ދިޔުން މަނާކުރުމާއި މަދަރުސާތަކާއި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނާއި ސިނަމާތައް ވަނީ ބަންދުކޮށްފައެވެ. އަދި ހަފުލާތަކާއި ޕާޓީތައް ބޭއްވުމުން މަނާކޮށް ޢާއްމު ދަތުރުފަތުރުކުރުމަށްވެސް ޚާއްޞަ އުޞޫލުތަކެއްވަނީ ކަނޑައަޅައިފައެވެ.

ލަންކާގެ ސަރުކާރުންވަނީ ޢާއްމުންނަށް ކޯވިޑްގެ ވެކްސިން ދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން މިހާތަނަށް އެ ޤައުމުގެ 22 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 50 އިންސައްތަ މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

ލަންކާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،400 މީހުންނަށް ބަލިޖެހި 58 މީހުންވަނީ މަރުވެފައެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޢަދަދުވަނީ ބައި މިލިޔަނަށްވުރެ މައްޗަށް އަރާފައެވެ. މި ބަލީގައި މިހާތަނަށް އެ ޤައުމުން 13،000 މީހުންވަނީ މަރުވެފައެވެ.