ޚަބަރު

ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގައި ޕެކިޔާއޮ ވާދަކުރައްވަނީ


ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގައި މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ މެނީ ޕެކިޔާއޮ ވާދަކުރައްވަން ނިންމަވައި ލިޔެކިޔުންތައް ހުށަހަޅުއްވައިފިއެވެ.

ޢުމުރުފުޅުން 42 އަހަރުގެ ޕެކިޔާއޮގެ ރަނިންމޭޓެއްގެ ގޮތުގައި އޭނާ ކަނޑައަޅުއްވާފައިވަނީ ވެރިރަށް މެނީލާގެ ކުރީގެ މޭޔަރެއްކަމަށްވާ ލީތޯ އަތިއެންޒާއެވެ. ޕެކިޔާއޮގެ ރަނިންމޭޓެއްގެ ގޮތުގައި ޢުމުރުފުޅުން 80 އަހަރުގެ އަތިއެންޒާ ޢައްޔަންކުރެއްވުމުން ގިނަ ބަޔަކަށްވަނީ ހައިރާންކަން ލިބިފައެވެ. ގިނަ ބަޔަކު ކުރިން ޤަބޫލުކޮށްފައިވަނީ ޕެކިޔާއޮގެ ރަނިންމޭޓަށް ޢައްޔަންކުރައްވާނީ ޒުވާން އަދި ތަޢުލީމީ ބޭފުޅެއްކަމަށެވެ. ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގައި އިތުރު ދަޢުރަކަށް މިހާރު ރައީސް ރޮދްރިގޯ ދުތާތޭއަށް ވާދައެއް ނުކުރެއްވޭނެއެވެ. އެހެންކަމުން އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ ޕެކިޔާއޮއަށެވެ.

ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 9ވަނަ ދުވަހުއެވެ. އިންތިޚާބުގައި 64 މިލިޔަން މީހުން ވޯޓުލުމަށް ޝަރުތުހަމަވާނެއެވެ. ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގެ އިތުރުން އެ ޤައުމުގެ ޢާއްމު އިންތިޚާބާއި ސަރަޙައްދީ އިންތިޚާބުގެ ވޯޓުލުން ބާއްވާނެއެވެ. އެ އިންތިޚާބުތަކުގައި އެތައް ހާސް މީހުންނެއް ވާދަކުރާނެއެވެ. އޭގެ ތެރޭގައި ފިލްމުކުޅޭ މީހުންނާއި ވިޔަފާރިވެރިންނާއި ޤައިދީންވެސް ހިމެނޭނެއެވެ.