އުތުރު ކޮރެޔާއިން އަނެއްކާވެސް އިތުރު މިސައިލެއް ތަޖުރިބާކޮށްފިއެވެ. އެއީ ހަފުތާއެއްގެ ތެރޭގައި އެ ޤައުމުން ތަޖުރިބާކުރި ދެވަނަ މިސައިލެވެ.
ކޮރެޔަން ސެންޓުރަލް ނިވްސް އެޖޭންސީ، ކޭސީއެންއޭއިން ބުނެފައިވާ ގޮތުގައި އަލަށް ތަޖުރިބާކުރި މިސައިލަކީ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ޙަމަލާދިނުމަށް ޚާއްޞަކޮށްގެން އީޖާދުކޮށްފައިވާ ހަތިޔާރެއްކަމަށެވެ. އަދި އެ މިސައިލް އީޖާދުކުރުމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާކަމަށާއި އެ މިސައިލް ތަޖުރިބާކޮށްފައިވަނީ ވަރަށް ކާމިޔާބުކަމާއެކުކަމަށްވެސް ކޭސީއެންއޭއިން ބުނެފައިވެއެވެ.
އުތުރު ކޮރެޔާއިން މިސައިލެއް ތަޖުރިބާކުރާ ކޮންމެ ފަހަރަކު އެމެރިކާއާއި ޖަޕާނާއި ދެކުނު ކޮރެޔާއިން ހިތްހަމަނުޖެހުން ފައުޅުކުރެއެވެ. ނަމަވެސް އުތުރު ކޮރެޔާއިން އެންމެ ފަހުން ތަޖުރިބާކުރި މިސައިލާ ގުޅޭގޮތުން އެ ޤައުމުތަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެމެރިކާއާއި ޖަޕާނާއި ދެކުނު ކޮރެޔާއިން އެއްވެސް އެއްޗެއް ބުނެފައިނުވަނީ އުތުރު ކޮރެޔާއިން ޔަޖުރިބާކުރި މިސައިލުގެ ޤާބިލުކަމާމެދު އެ ޤައުމުތަކުން ކަނބޮޑުނުވާތީއެވެ.
ހަ މަސްދުވަހުގެ މެދުކެނޑުމަކަށްފަހު އުތުރު ކޮރެޔާއިން މިސައިލް ތަޖުރިބާކުރަން ފަށައިފައިވަނީ ސެޕުޓެންބަރު މަހުގެ ތެރޭގައެވެ. އެ ގޮތުން އުތުރު ކޮރެޔާއިން ދާދިފަހުންވަނީ އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލެއްވެސް ތަޖުރިބާކޮށްފައެވެ. އުތުރު ކޮރެޔާއިން އިތުރު މިސައިލެއް ތަޖުރިބާކޮށްފައިވަނީ އެ ޤައުމުގެ ނިޔުކްލިޔަރ މަޝްރޫޢު ހުއްޓާލުމަށް އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތައް މެދުކެނޑިފައިވާ ދަނޑިވަޅެއްގައެވެ.