ޚަބަރު

ތޫނީސިޔާގެ ބޮޑުވަޒީރުގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް


ތޫނީސިޔާގެ ބޮޑުވަޒީރުގެ މަޤާމަށް ޢާއްމުންނަށް އެއްވެސް ވަރަކަށް ނޭނގޭ ބޭފުޅެއްކަމަށްވާ ނަޖުލާ ބައުދަން ރަމަޟާން ޢައްޔަންކުރައްވައިފިއެވެ. ބޮޑުވަޒީރުގެ މަޤާމާ ނަޖުލާ ޙަވާލުވެވަޑައިގަންނަވާނީ ފާއިތުވި ދެ މަސްދުވަހު ސަރުކާރާކައި ނުލައި ހިންގަމުންދާ ތޫނީސިޔާއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކެއްގެ ތެރެއިންނެވެ. އަދި އޭނާ ވެވަޑައިގަންނަވާނީ ތޫނީސިޔާގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ތޫނީސިޔާގެ ރައީސް ޤައީސް ސަޢީދު އެ ޤައުމުގެ ސަރުކާރު އުވާލައްވައިފައިވަނީ ބޮޑުވަޒީރު ހާޝިމު މަޝީޝީއާ ޖެހިވަޑައިގަތް މައްސަލަތައް ހައްލުކުރެއްވުމަށް ކުރެއްވި މަޝްވަރާތަކުން ކުރިއެރުމެއް ނުލިބުމުންނެވެ. ތޫނީސީޔާގެ ރައީސާއި ބޮޑުވަޒީރާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައިވަނީ އެ ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މެދުއިރުމަތީގެ ޢަރަބި ޤައުމެއްކަމަށްވާ ތޫނީސިޔާގެ އިޤްތިޞާދު އަޑިއަޅާލާފައިވަނީ ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެ ސަބަބުންނެވެ. އެއާއެކު ބަލިމަޑުކަމާ ދެކޮޅަށް މަޝީޝީގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާމެދުވެސް ޢާންމުންވަނީ ހިތްހަމަނުޖެހިފައެވެ. އެއާއެކު ސަޢީދުވަނީ ތޫނީސިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލެއްވުމަށްފަހު އިދިކޮޅުން ކުރަމުންދިޔަ މުޒާހާރާގައި ބައިވެރިވެވަޑައިގެންފައެވެ. އެއާއެކު ތޫނީސިޔާގެ ވެރިކަމުގެ ނިޒާމުވަނީ ނޭނގުމެއްގެ ތެރެއަށް ވެއްޓިފައެވެ. ތޫނީސުތާގައި ސަރުކާރެއް އެކުލަވާލައި ސިޔާސީ ހަމަޖެހުން ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ ސަޢީދަށް ވަރަށް ބޮޑަށް ބާރުއަޅައިފައެވެ.

ހަލަބޮލި ދުވަސްވަރެއް ސަރުކާރެއް ހިންގެވުމުގެ ޒިންމާއާ ޙަވާލުވެވަޑައިގަންނަވައި ޢުމުރުފުޅުން 63 އަހަރުގެ ނަޖުލާއަކީ 2011ވަނަ އަހަރުގެ ޢަރަބި ބަހާރުގެ ތެރެއިން ތޫނީސިޔާގައި ދިމީޤްރާޠީ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރިފަހުން އެ ޤައުމުގެ ބޮޑުވަޒީރުކަންކުރައްވައި 10ވަނަ ބޭފުޅާއެވެ. އެއްވެސް ސިޔާސީ ތަޖުރިބާއެއް މީގެ ކުރިން ކުރައްވާފައިނުވައި ނަޖުލާއަކީ އިންޖިނިޔަރެކެވެ.