ޚަބަރު

ޙިޒުބުﷲއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި


ޤަޠަރާ ގުޅިގެން އެމެރިކާއިން ޙިޒުބުﷲ ޖަމާޢަތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.

އެމެރިކާގެ މާލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެ ޤައުމުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ އެކި ގޮތްގޮތުން ޙިޒުބުﷲއަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ ދެކޮޅަށެވެ. އެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައިވާ ފަރާތްތަކުންވަނީ މާލީގޮތުން ޙިޒުބުﷲއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވާކަމަށް އެމެރިކާއިން ތުޙްމަތުކުރެއެވެ.

އެމެރިކާގެ މާލީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޙިޒުބުﷲއަށް އެހީތެރިކަން ފޯރުކޮށްދޭ ހަތް މީހަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޤަޠަރާއި ސަޢުދީ ޢަރަބިއްޔާއާއި ބަޙްރައިންނާއި ފަލަސްޠީނަށް ނިޞްބަތްވާ މީހުންނެވެ. އެ ގޮތުން އެމެރިކާގައި ހުރި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި އެމެރިކާގެ ރައްޔިތުން އެ މީހުންނާއެކު ވިޔަފާރީގެ މުޢާމަލާތްތައް ކުރުންވަނީ މަނާކޮށްފައެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ޤަޠަރުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އެ ޤައުމުން ދީފައިވާކަމަށްވެސް އެމެރިކާގެ މާލީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

2017ވަނަ އަހަރުގެ ފަހުން އެމެރިކާއިންވަނީ ޙިޒުބުﷲއާ ގުޅުން އޮންނަ 90 ފަރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.