ޚަބަރު

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނި މީހާގެ މައްޗަށް ދަޢުވާކޮށްފި


ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ އިންޒާރުދީ ޓްވީޓްކުރި މީހާގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ހިންގާނެކަމުގެ އިންޒާރު ދިނުމުގެ ދަޢުވާކޮށްފިއެވެ.

މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހު އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލާގައި ދަޢުވާކޮށްފައިވަނީ މއ.ރެސްޓިންގހައުސް، އުމުރުން 42 އަހަރުގެ މުޙައްމަދު ޢިނާދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީން ކްރިމިނަލް ކޯޓަށް ފޮނުވާފައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދަޢުވާއެވެ.

މުޙައްމަދު ޢިނާދުގެ މައްޗަށް މިދަޢުވާތައް ސާބިތުވެއްޖެނަމަ އެކަމުގެ ޢަދަބެއްގެ ގޮތުން 4 އަހަރާއި 6 އަހަރާ ދެމެދުގެ މއްދަތަކަށް އޭނާ ޖަލަށްލާނެއެވެ.

ސޯޝަލް މީޑިއާއާއި، އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި، މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއްކަން ފުލުހުން ވަނީ ފާހަގަކުރައްވާފަައެވެ. އަދި، އެފަދަ އަމަލު ހިންގާ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ދިވެހި ރާއްޖޭގައި ޤާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމަކަށް ވީހިނދު، ދިވެހިރާއްޖެއާއި އަވައްޓެރި ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ޤައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާގޮތަށް ކުރާ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް، އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާތީ، އެކަމާ ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ މެމްބަރެއްކަމަށާ، އޭނާގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލައި، އެނާ އެމްޑީޕީން ވަކިކުރުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ކުރިންވަނީ ނިންމައިފިއެވެ.