ޚަބަރު

ސިވިލް ކޯޓްގެ ގާޟީ ޢަލީ ނަސީރު، ފެލިދޫ މެޖިސްޓްރޭޓަކަށް


ސިވިލް ކޯޓްގެ ގާޟީ ޢަލީ ނަސީރުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމާ ގުޅިގެން މެޖިސްޓްރޭޓަކަށް ބަދަލުކޮށްފިއެވެ.

ސިވިލް ކޯޓުގެ ޤާޟީ ޢަލީ ނަޞީރާ މެދު ސުލޫކީ ފިޔަވަޅު އަޅާފައިވަނީ އެކޯޓުގެ ދެ ޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމުން، އެ ދެ ޤަޟިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަޞްލަޙަތެއް އެވަގުތު ނެތްކަމަށް ކަނޑައަޅައި، އެޤަޟިއްޔާގެ ދައުވާ ފޯމު ބާޠިލްކުރައްވައި ޙުކުމްކޮށްފައި ވަނީ އެޤަޟިއްޔާގެ މައުޟޫޢަށް ޙުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް ޤާޟީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަޤްޞަދުގައިކަން ތަޚްޤީޤަށް ސާބިތުވެފައިވާތީއެވެ.

‎ޖޭއެސްސީން ވިދާޅުވީ ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަޤުޞަދުގައި މައްސަލައިގެ ޚަޞްމުން އެދިފައި ނުވާގޮތެއްގެ މައްޗަށް މައްސަލައިގައި ޙުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އަސާސީ އުޞޫލުތަކާ ޚިލާފުކަމެއްކަމަށެވެ.

އަދި ފަނޑިޔާރުގޭގެ މުޤައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއްކަމުގައި އެކަން ވާތީ، ޤާޟީ ޢަލީ ނަޞީރުގެ އެ ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފު ޢަމަލެއްކަމަށް މި މައްސަލަ ބެލި ޖޭއެސްސީގެ ކޮމިޓީގެ ތަޚްޤީޤުގައި ނިންމާފައިވާކަމަށެވެ.

އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ޤާޟީ ޢަލީ ނަޞީރު ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުމަށް ނިންމީކަމަށް ޖޭއެސްސީންވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް މިފަދަ މައްސަކަތަކުގައި ބައެއް ޤާޟީންގެ މަޤާމުދަށްކޮށް ދަށުކޯޓުތަކަށް ބަދަލުކޮށްފައިވެއެވެ.