ވިޔަފާރި

އޮގަސްޓުމަހު ފަތުރުވެރިކަމުގެ އޮކިއުޕެންސީ ރޭޓް އުޅޭނީ %62ގައި


އޮގަސްޓުމަސް ނިމުނުއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އޮކިއުޕެންސީ ރޭޓު ހުރީ %62ގައިކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައިވާގޮތުން، އޮގަސްޓުމަހު އޮޕަރޭޝަނަށް ގެނެސްފައިވާ ފަތުރުވެރިކަމުގެ އެނދުގެ ޢަދަދު މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 31،139އަށް ވަނީ އިތުރުވެފައެވެ.

މިއާ އެކު އޮކުޕެންސީ ރޭޓަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން އޮގަސްޓުމަހު އޮކިއުޕެންސީ ރޭޓް %62އަށް އިތުރުވިއިރު، ޖުލައިމަހު އޮކިއުޕެންސީ ރޭޓް ހުރީ %49ގައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓުމަހު އޮކިއުޕެންސީ ރޭޓްހުރީ %12އެވެ.

އޮކިއުޕެންސީ ރޭޓް އިތުރުވިނަމަވެސް ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ޗުއްޓީގެ މުއްދަތު މިދިޔަ އަހަރާ އަޅާ ބަލާއިރުވަނީ ދަށްވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިން ރާއްޖޭގައި މިހާރު ހޭދަކުރަނީ ޢާއްމުގޮތެއްގައި 9 ދުވަހުގެ ޗުއްޓީއެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 23 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިން ރާއްޖެއަށް އަންނަ ޢަދަދުތަކަށް މިހާރު ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ބެޑް ނައިޓްސްގެ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން ކޯވިޑްގެ ކުރިން 2019ވަނަ އަހަރުގެ އޮގަސްޓުމަހާއި އަޅާ ބަލާއިރު މިއަހަރުގެ އޮގަސްޓުމަހުގެ ބެޑް ނައިޓްސްގެ އަދަދުވަނީ %7 އިތުރުވެފައެވެ.