ޚަބަރު

ގަޑިބުރު ހަދާނެ ބަޔަކު ހޯދަނީ، މިދިޔަ ދައުރު 2 ފަހަރަށް އެތަން ހެދި


މާފަންނު ގަޑި ބުރު ހަދައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެ ކައުންސިލުން ވިދާޅުވީ އެ ކައުންސިލުން ހޯދަނީ މާފަންނު ގަޑިބުރު އަމިއްލަ ޚަރަދުގައި ހަދައިދޭނެ ބައެއް ކަމަށެވެ. އަދި މި މަސައްކަތް ކޮށްދިނުމަށް އެދި ހުށައެޅޭނީ ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާފަންނު ގަޑިބުރަށް ގެންނަނީ ކޮން ބަދަލެއްކަމެއް ސިޓީ ކައުންސިލަކުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ގަޑިބުރު ހަދައިދޭން ޝައިގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މާފަންނު ގަޑިބުރަކީ ނަވާރަސަތޭކައިގެ ތެރޭގައި ލަންކާއިން ރާއްޖެއަށް ހަދިޔާކުރި ގަޑި ބެހެއްޓި ތަނެވެ. އެހެންނަމަވެސް އެތަނުގައި މިހާރު އެގަޑިއެއް ނެތެވެ.

މިދިޔަ ސަރުކާރުގައި ދެ ފަހަރެއްގެ މަތިން ގަޑިބުރު ތަޅާލާ މަރާމާތުކުރިއެވެ. މިގޮތުން 2016 ވަނަ އަހަރުގެ ފަހުކޮޅު ގަޑިބުރު ތަޅާލާ އޭރުގެ ސަރުކާރުން އެތަން މަރާމާތުކުރިއެވެ. އަނެއްކާގެ އޭގެ ފަހުން 2017 ވަނަ އަހަރުގެ ޖުލައިމަހުވެސް އެތަން ތަޅާލާ އަލުން ވަނީ މަރާމާތުކޮށްފައެވެ.