ޚަބަރު

ބައިޑަންނަށް އޮންނަ ތާޢީދު ބޮޑުތަނުން ދަށަށް


އެމެރިކާގެ ރައީސް ޖޯ ބައިޑަންނަށް އޮންނަ ތާޢީދު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

ފޮނި ވަޢުދުތަކަކާއެކު ބައިޑަން އެމެރިކާގެ ވެރިކަމާ ޙަވާލުވެވަޑައިގެންފައިވަނީ 2021ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޭނާ ވެރިކަމަށް ވަޑައިގެންފައިވަނީ ކުރީ ސަރުކާރުން ޤައުމަށް ގެނެސްފައިވާ ހަލަބޮލިކަން ނިމުމަކަށް ގެންނަވައި ޤައުމަށް ހަމަޖެހުމާއި ފާޤަތިކަން ގެންނަވާނެކަމުގެ ވަޢުދުފުޅާއެކުއެވެ. ނަމަވެސް ވެރިކަމުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ބައިޑަންނަށްވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަންޖެހިވަޑައިގެންފައެވެ. އެ ގޮތުން ކޯވިޑް-19ގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ޙާލަތު ގޯސްވުމާއި ވަޢުދުތައް ފުއްދުމަށް ބޭނުންވާ ޤާނޫނުތައް ފާސްކުރުމުގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ހިމެނެއެވެ.

އެމެރިކާގެ ކުރީ ސަރުކާރުން ގެންގުޅުނު ޚާރިޖީ އަދި ދިފާޢީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ބައިޑަން ތަންފީޒުކުރައްވަނީ ވަރަށް އެއްކަހަލަ ސިޔާސަތުތަކެކެވެ. އެ ގޮތުން އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފައިބަން ކުރީ ސަރުކާރުން ކަނޑައެޅި ތާރީޚް އެކި ފަހަރުމަތިން ބައިޑަން ބަދަލުކުރެއްވިއެވެ. އަދި އެންމެފަހުން އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުގައި ހެދި ގޯސްތަކުގެ ސަބަބުން ޢާއްމުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އޭގެ އިތުރުން ކުރީ ސަރުކާރުން ހިޖުރަވެރިންނާ ގުޅޭގޮތުން ގެންގުޅުނު ސިޔާސަތުތަކަށް ފާޑުވިދާޅުވި ބައިޑަންގެ ވެރިކަމުގައި ފެނިފައިވަނީ އެމެރިކާގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ފައުޖުތަކުން އަސްތަކުގައި ހިޖުރަވެރިން ފަހައި ދުވައި މަންޒަރެވެ.

ފާއިތުވި ދުވަސްތަކުގައި އެމެރިކާގައި އެކުލަވާލާފައިވާ ޢާއްމުންގެ ޚިޔާލު ހޯދުމުގެ ސާވޭތަކުން ބައިޑަންނަށް އޮންނަ ތާޢީދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ދޭހަވެއެވެ. އެ ގޮތުން ފައިވުތާރޓީއެއިޓުން ފުރިހަމަކޮށްފައިވާ ސާވޭއިން ދައްކާ ގޮތުގައި އެމެރިކާގެ ޢާއްމުންގެ ތެރެއިން 49 އިންސައްތަ މީހުން ބައިޑަންނާމެދު ހިތްހަމަނުޖެހެއެވެ. އަދި އޭނާއާމެދު ހިތްހަމަޖެހޭކަމަށް ބުނެފައިވަނީ 40 އިންސައްތަ މީހުންނެވެ. އެހެން ސާވޭއެއްކަމަށްވާ ރަސްމުސެން ރިޕޯޓްސުން ދައްކާގޮތުގައި ޢާއްމުންގެ 58 އިންސައްތަ މީހުން ބައިޑަންނާމެދު ހިތްހަމައެއް ނުޖެހެއެވެ. ރަސްމުސެން ރިޕޯޓްސުންވެސް ބުނެފައިވަނީ ބައިޑަންނާމެދު ހިތްހަމަޖެހެނީ 40 އިންސައްތަ މީހުންކަމަށެވެ. އޭގެ އިތުރުން ވަކިވަކި ސުޓޭޓުތަކުގައި ބައިޑަންނަށް އޮންނަ ތާޢީދުވެސްވަނީ ބޮޑަށް ދަށަށް ގޮސްފައެވެ. އޭގެ ތެރޭގައި 2020ވަނަ އަހަރު ބޮޑު ތަފާތަކުން ބައިޑަން ކާމިޔާބުކުރެއްވި ވާޖީނިޔާ ސުޓޭޓުވެސް ހިމެނެއެވެ.

2020ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ބައިޑަން ކާމިޔާބުކުރައްވާފައިވަނީ 54 އިންސައްތަ ވޯޓުންނެވެ. ޢުމުރުފުޅުން 78 އަހަރުފުޅުގައި ވެރިކަމަށް ވަޑައިގެންނެވި ބައިޑަންނަކީ އެމެރިކާގެ އެންމެ ދޮށީ ރައީސެވެ. އަދި އޭނާ ވެރިކަމަށް ވަޑައިގެންނެވީ އެމެރިކާގެ އެންމެ މަޤްބޫލު ރައީސްކަމަށްވާ ބަރަކް އޮބާމާއަށްވުރެވެސް ބޮޑު ތާޢީދަކާއެކުއެވެ.