ޚަބަރު

އުތުރު ކޮރެޔާއިން ތަޖުރިބާކުރީ އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލެއް


އުތުރު ކޮރެޔާއިން އެންމެ ފަހުން ތަޖުރިބާކުރީ އަލަށް އީޖާދުކުރި އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލެއްކަމަށް އެ ޤައުމުން ބުނެފިއެވެ.

ސެޕުޓެންބަރު 28ވަނަ ދުވަހު އުތުރު ކޮރެޔާއިން އައު މިސައިލެއް ތަޖުރިބާކޮށްފައިވާކަން ދެކުނު ކޮރެޔާއިންނާއި ޖަޕާނުންވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެއީ ބެލިސްޓިކް މިސައިލެއްކަމަށް އެ ދެ ޤައުމުން ބުނި ނަމަވެސް އޭގެ އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ. އުތުރު ކޮރެޔާއިން އިތުރު މިސައިލެއް ތަޖުރިބާކޮށްފައިވަނީ އެ ޤައުމުގެ ނިޔުކްލިޔަރ މަޝްރޫޢު ހުއްޓާލުމަށް އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތައް މެދުކެނޑިފައިވާ ދަނޑިވަޅެއްގައެވެ.

ކޮރެޔަން ސެންޓުރަލް ނިވްސް އެޖޭންސީ، ކޭސީއެންއޭއިން ބުނެފައިވާ ގޮތުގައި އަލަށް ތަޖުރިބާކުރި މިސައިލާއެކު އެ ޤައުމުގެ ދިފާޢީ ޤާބިލްކަންވަނީ އިތުރުވެފައެވެ، އަދި އަލަށް އީޖާދުކުރި އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލަކީ އުތުރު ކޮރެޔާއަށް ލިބުނު މުޙިއްމު ހަތިޔާރެއްގެ ގޮތުގައި ކޭސީއެންއޭއިންވަނީ ސިފަކޮށްފައެވެ.

އުތުރު ކޮރެޔާއިން އެންމެ ފަހުން ތަޖުރިބާކުރި މިސައިލަކީ އަޑަށްވުރެ ހަތްގުނަ ބާރަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ މިސައިލެކެވެ. އެއީ މި މަހުގެ ތެރޭގައި އުތުރު ކޮރެޔާއިން ތަޖުރިބާކުރި ތިންވަނަ މިސައިލެވެ.