ވިޔަފާރި

އިޓަލީގެ "ރެޑް ލިސްޓުން" ރާއްޖެ އުނިކޮށްފި


އިޓަލީގެ "ރެޑް ލިސްޓުން" ރާއްޖެ އުނިކޮށް ރާއްޖެއައިސް އަނބުރާ ގައުމަށްދާ މީހުން ކަރަންޓީންވާން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އިޓަލީގެ ގްރީން ލިސްޓަށް ވަނީ ރާއްޖެ ލާފައެވެ. ރާއްޖޭގެ އިތުރުން އެހެން 7 ގައުމެއްވެސް ވަނީ އިޓަލީގެ ގްރީން ލިސްޓަށް ލާފައެވެ. މީގެތެރޭގައި ހިމެނެނީ ބަންގްލަދޭސް، އިޖިޕްޓް، ކެންޔާ، އޮމާން، ޕާކިސްތާން، ސްރީލަންކާ، އަދި ތުރުކީއެވެ.

އިޓަލީގެ ޓްރާންސްޕޯޓް ސެކްރެޓަރީ ގްރާންޓް ސެޕްސް ކޮށްފައިވާ ޓްވިޓެއްގައި ވަނީ ރާއްޖެ ހިމަނައިގެން 8 ގައުމަކުން އިޓަލީގެ ރެޑް ލިސްޓުން އުނިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވެފައިވަނީ މީގެ ސަބަބުން އިޓަލީގެ ގިނަ މީހުންނަށް ކޯވިޑަށް ޓެސްޓްކުރުމަކާއި ނުލައި ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.

އިޓަލީގެ ރެޑް ލިސްޓުގައި މިވަގުތުވެސް 54 ގައުމެއް އެބައޮތެވެ. އެހެންކަމުން ރެޑް ލިސްޓުން ރާއްޖެ އުނިވުމަކީ އިޓަލީން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ އެ ޤައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވެގެންދާނެކަމެކެވެ.

2019 ވަނަ އަހަރު އިޓަލީން ރާއްޖެއަށް 136343 ފަތުރުވެރިން ރާއްޖެ އައެވެ. 2020 ވަނަ އަހަރު އިޓަލީން ރާއްޖެއަށް 45169 ފަތުރުވެރިން އައިއިރު މިއަހަރުގެ މިހާތަނަށް 7205 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

އިނގިރޭސިވިލާތުންވެސް ވަނީ އެ ޤައުމުގެ ރެޑް ލިސްޓުން މިމަހު ރާއްޖެ ނަގާފައެވެ. މިއާއިއެކު އެގައުމުގެ ފަތުރުވެރިންވެސް ދަނީ ރާއްޖެ އައުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.