ޚަބަރު

އިތުރު 700 އަށްވުރެ ގިނަ މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން އިތުރު 700 އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 337،000އާ ގާތްކޮށްފައެވެ.

އެޗްޕީއޭއިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު 721 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 251 މީހުންނާއި އަތޮޅުތަކުން ވެކްސިން ފުރިހަމަކުރި 470 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 337،293 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ހޯމަދުވަހު 162 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަޙައްދުން ފުރަތަމަ ޑޯޒް ޖެހި 76 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 84 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 391،960 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުދަނީ ފައިޒާ ވެކްސިން ޖަހަމުންނެވެ. ކޯވިޑް-19އިން ރައްކާތެރިވުމަށް ސްކޫލް ކުދިންގެ ތެރެއިން ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިތާ މަހެއް ވެފައިވާއިރު 27،697 ކުދިން ވަނީ ދެ ޑޯޒާއެކު ވެކްސިން ފުރިހަމަކޮށްފައެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެ އިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.