ޚަބަރު

އިތުރު ބާރުތަކާއެކު ޕޮލިސް ރީޖަންތަކަށް ކޮމާންޑަރުން އައްޔަންކޮށްފި


ލާމަރުކަޒީކޮށް ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އިތުރު ބާރުތަކާއެކު ޕޮލިސް ރީޖަންތަކަށް ކޮމާންޑަރުން އައްޔަންކޮށްފިއެވެ.

ޑިވިޝަންތަކުގެ ބަދަލުގައި ފުލުހުންގެ ޚިދުމަތް ރީޖަންތަކަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، މާލެ ހިމެނޭ ރީޖަން ފިޔަވައި ދެން ހިމެނޭ 5 ރީޖަނަށް ކޮމާންޑަރުން އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައި ވަނީ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲއާއި ފުލުހުންގެ ޚިދުމަތުގެ އިސް ބައެއް ވެރިން ބައިވެރިވި މިރަސްމިއްޔާތުގައި ރީޖަން ކޮމާންޑަރުންގެ ގޮތުގައި އައްޔަންކޮށްފައިވަނީ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ސަޠީޙް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދުގެ އިތުރުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމްއެެވެ.

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް އައްޔަންކޮށްފައިވަނީ، ހއ، ހދ އަދި ށ އަތޮޅު ހިމެނޭ އަޕަރ ނޯތް ޕޮލިސް ރީޖަންއަށެވެ.

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ އައްޔަން ކުރައްވާފައިވަނީ، ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ރީޖަންއަށެވެ.

ކ، އއ، އދ އަދި ވ. އަތޮޅު ހިމެނޭ ނޯތު ޕޮލިސްގެ ކޮމާންޑަރަކަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ސަޠީޙް އައްޔަންކުރައްވާފައިވާއިރު، މ، ފ، ދ، ތ އަދި ލ. އަތޮޅު ހިމެނޭ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ކޮމާންޑަރަކަށް އައްޔަންކުރީ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދުއެވެ. އަދި ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނޭ ސައުތު ޕޮލިސް ރީޖަނަށް އައްޔަންކުރި ކޮމާންޑަރަކީ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމްއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތް އިދާރީގޮތުން އިންތިޒާމުކުރެވިގެންވާ ގޮތް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޝްވަރާގެ މަތިން މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައަޅުއްވާއިރު، ދިވެހި ފުލުހުންގެ ހިދުމަތް މުޅިރާއްޖޭގައި އިންތިޒާމްވެގެންވާ 6 ސަރަހައްދެއް ވަނީ ކަނޑައަޅުއްވާފައެވެ.

6 ވަނަ ސަރަޙައްދަކީ، މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ކެޕިޓަލް ޕޮލިސް ސަރަހައްދެވެ.

ދިވެހި ފުލުހުންގެ ހިދުމަތް މުޅިރާއްޖޭގައި އިންތިޒާމުވެގެންވަނީ 6 ސަރަހައްދުގައިކަން މިހާރު ކަނޑައަޅާފައިވާއިރު، ކުރިން ފުލުހުންގެ ހިދުމަތް މުޅިރާއްޖެއަށް ބަހާލެވިފައިވަނީ މާލެ ސަރައްދުގެ އިތުރުން ހަތް ޑިވިޜަނެއްގެ މައްޗަށެވެ.

ޑިވިޝަންތަކުގެ ބަދަލުގައި ފުލުހުންގެ ޚިދުމަތް ރީޖަންތަކަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ހާމަކުރައްވާފައިވަނީ މިދިޔަމަހުގެ 31 ވަނަ ދުވަހުގައެވެ. މިގޮތަށް ބަދަލުކުރައްވަން ނިންމެވީ، ހުރިހާ ކަމެއްގައި މައި އިދާރާގެ މައްޗަށް ބަރޯސާވެފައި ތިބެންޖެހުމުގެ ބަދަލުގައި، ކަންކަން އަވަހަށް ނިންމުމުގެ ބާރު ސަރަހައްދުތަކަށް ދިނުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އައްޔަންކުރެވިގެން މިދިޔަ ކޮމާންޑަރުންނަށް އިތުރު ބާރުތައް ދިނުމަށްވެސް ހަމަޖެހިފައިވާއިރު، ޚިދުމަތް ދިނުމަށް ބެނުންވާ ވަސީލަތްތައް ހަމަކޮށް، މި ބަދަލުތައް ގެނައުމުގެ ސަބަބުން ރައްޔިތުންނާއި ގާތުން ފުލުހުންގެ ޚިދުމަތް ދެވި، ނިންމަންޖެހޭ ނިންމުންތައް ފަސޭހަކާ އަވަސްކަމާއެކު ނިންމުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.