ޚަބަރު

ޢާއްމު މަޖިލީހުގައި ތަޤްރީރުކުރުމުގެ ކުރިން އުތުރު ކޮރެޔާއިން މިސައިލެއް ތަޖުރިބާކޮށްފި


އުތުރު ކޮރެޔާއިން އަނެއްކާވެސް އައު މިސައިލެއް ތަޖުރިބާކޮށްފިއެވެ. އުތުރު ކޮރެޔާއިން އައު މިސައިލެއް ތަޖުރިބާކޮށްފައިވަނީ އެ ޤައުމުން އދގެ ޢާއްމު މަޖިލީހުގައި ތަޤްރީރުކުރުމުގެ ކުޑަ ވަޤުތުކޮޅެއް ކުރިންނެވެ.

އުތުރު ކޮރެޔާއިން އައު މިސައިލެއް ތަޖުރިބާކޮށްފައިވާކަން ދެކުނު ކޮރެޔާއިންނާއި ޖަޕާނުންވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެއީ ބެލިސްޓިކް މިސައިލެއްކަމަށް އެ ދެ ޤައުމުން ބުނި ނަމަވެސް އޭގެ އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ. އުތުރު ކޮރެޔާއިން އިތުރު މިސައިލެއް ތަޖުރިބާކޮށްފައިވަނީ އެ ޤައުމުގެ ނިޔުކްލިޔަރ މަޝްރޫޢު ހުއްޓާލުމަށް އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތައް މެދުކެނޑިފައިވާ ދަނޑިވަޅެއްގައެވެ.

ޢާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން އުތުރު ކޮރެޔާއިން އދއަށް ކަނޑައަޅާފައިވާ ސަފީރު ކިމު ސޮންގް ވިދާޅުވީ ހަތިޔާރު އުފެއްދުމާއި އަމިއްލައަށް ދިފާޢުވުމުގެ ޙައްޤު އެ ޤައުމަށްވެސް އޮންނާނެކަމަށާއި އެމެރިކާގެ ޢަދާވާތްތެރިކަން ނައްތާލަންޖެހޭކަމަށެވެ. އަދި އެމެރިކާގެ ޢަދާވާތްތެރިކަމާއި ތަފާތުކުރުން ނައްތާލައިފިނަމަ މަޝްވަރާކުރަން އުތުރު ކޮރެޔާއިން ފަސްނުޖެހޭނެކަމަށްވެސް ސޮންގް ވިދާޅުވިއެވެ. އަދި ކޮރެޔާ ސަރަޙައްދުގައި ކުރަމުންދާ އަސްކަރީ ފަރިތަކުރުންތައް ހުއްޓާލައި ނުރައްކާތެރި ހަތިޔާރުތައް އެ ސަރަޙައްދުން ގެންދިޔުމަށް ސޮންގްވަނީ އެމެރިކާއަށް ގޮވާލައިފައެވެ. އޭނާވަނީ ނުރައްކާތެރި ހަތިޔާރުތައް އުފައްދައި ދެ ޤައުމަކުން އުތުރު ކޮރެޔާއާމެދު ތަފާތުކުރުން ގެންގުޅޭތީ ކަނބޮޑުވުން ފައުޅުކުރައްވައިފައެވެ.

އުތުރު ކޮރެޔާއާއި އެމެރިކާއާ ދެމެދު ކުރަމުންދިޔަ މަޝްވަރާތައްވަނީ 2019ވަނަ އަހަރުގެ ފަހުން ހުއްޓުމަކަށް އައިސްފައެވެ.