ޚަބަރު

ސީޕެކުގައި އަފްޣާނިސްތާން ބައިވެރިކުރުމަށް މަޝްވަރާކޮށްފި


ޗައިނާ ޕާކިސްތާން އެކޮނޮމިކް ކޮރިޑޯ، ސީޕެކުގައި އަފްޣާނިސްތާން ބައިވެރިކުރުމަށް މަޝްވަރާކޮށްފިއެވެ.

ޕާކިސްތާނުން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ސަފީރު މަންސޫރު އަޙްމަދު ޚާން ވިދާޅުވީ ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުންތައް ހަރުދަނާކުރުން މުޙިއްމުކަމަށް ދެ ޤައުމުންވެސް ދެކޭކަމަށެވެ. އަދި ދެކުނު އޭޝިޔާއާއި މެދުތެރޭ އޭޝިޔާއާ ގުޅުވައިދޭ ސީޕެކަކީ ފައިދާ ބޮޑު އަދި މުޙިއްމު މަޝްރޫޢުއެއްކަން ފާހަގަކުރައްވަމުން މަންސޫރު ވިދާޅުވީ އެ މަޝްރޫޢުގެ ތެރެއިން ޕާކިސްތާނާއި އަފްޣާނިސްތާނަށް ޢުމުރާނީ ތަރައްޤީ ގެނައުމުގެ އިތުރުން ދެ ޤައުމަށް އަގުހުރި އިޤްތިޞާދީ މަންފާތައްވެސް ލިބޭނެކަމަށެވެ. އެ ގޮތުން އަފްޣާނިސްތާނުގެ އިޤްތިޞާދު ކޮޅަށްޖެހުމަށް އެ ޤައުމުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތާ މަޝްވަރާކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާވަނީ ޕާކިސްތާނާއި އަފްޣާނިސްތާނާއި ޗައިނާގެ އިތުރުން އީރާނާއި މެދުތެރޭ އޭޝިޔާގެ އެހެން ޤައުމުތަކުން ސީޕެކުގައި ބައިވެރިވުމުގެ މުޙިއްމުކަމާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.

ސީޕެކަކީ އިރުމައްޗާއި ހުޅަނގުގެ ވިޔާފާރީގެ ފުރުޞަތުތައް ގުޅުވާލުމަށް ޗައިނާއިން ފަށައިފައިވާ ބެލްޓު އެންޑު ރޯޑު އިނީޝިއޭޓިވުގެ މުޙިއްމު ބައެކެވެ. ސީޕެކުގެ ދަށުން ޗައިނާއިންވަނީ 60 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ޢުމުރާނީ މަޝްރޫޢުތައް ޕާކިސްތާނުގައި ހިންގުމަށް ނިންމައިފައެވެ. އޭގެ ތެރެއިން ގިނަ މަޝްރޫޢުތައް ހިންގާނީ ޗައިނާއިން ދޫކުރާ ލޯނުތަކުންނެވެ.

ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނާއި ޗައިނާއާއި ރަޝިޔާއިންވަނީ ޠާލިބާނުންނާ މަޝްވަރާތަކެއް ކޮށްފައެވެ. އެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި އިޤްތިޞާދީ ތަރައްޤީ އަފްޣާނިސްތާނަށް ގެނައުމަށެވެ. އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ އެ ޤައުމުގެ ފައިސާއާއި މުދާ ހިފަހައްޓައިފައެވެ. އޭގެ ސަބަބުން އަފްޣާނިސްތާނަށްވަނީ ބޮޑެތި މާލީ ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ.