ޚަބަރު

16 އަހަރަށްފަހު މާކެލްގެ ޕާޓީއަށް ވެރިކަން ގެއްލިއްޖެ


ޖަރުމަންވިލާތުގައި ބޭއްވި ޢާއްމު އިންތިޚާބުގައި އެ ޤައުމުގައި 2005ވަނަ އަހަރުން ފެށިގެން ވެރިކަންކުރައްވައި ޗާންސެލަރ އެންގެލާ މާކެލްގެ ސީޑީޔޫ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިއްޖެއެވެ. އެއާއެކު 16 އަހަރުގެ ދިގު ވެރިކަމަކަށްފަހު ސީޑީޔޫއަށް ވެރިކަން ގެއްލޭނެކަންވަނީ ޔަޤީންވެފައެވެ.

ޢާއްމު އިންތިޚާބުގެ ކުރިން ޖަރުމަންވިލާތުގެ ޗާންސެލަރގެ މަޤާމަށް ދެން ކުރިމަތިނުލައްވާނެކަން މާކެލްވަނީ އިޢުލާންކުރައްވައިފައެވެ. އަދި ޢާއްމު އިންތިޚާބުގެ ކުރިން ބޭއްވި ސަރަޙައްދީ ގިނަ އިންތިޚާބުތަކުގައި މޭކެލްގެ ސީޑީޔޫއަށްވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

ޖަރުމަންވިލާތުގައި ބޭއްވި ޢާއްމު އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯދާފައިވަނީ އެސްޕީޑީންނެވެ. އެ ގޮތުން ޕާޓީންވަނީ ވޯޓުގެ 26 އިންސައްތަ ހޯދައިފައެވެ. ސީޑީޔޫއަށް ލިބުނީ 24 އިންސައްތަ ވޯޓެވެ. އެއީ ފާއިތުވި 70 އަހަރުގެ ތެރޭގައި ސީޑީޔޫއަށް ކުރިމަތިލާންޖެހުނު އެންމެ ބޮޑު ނާކާމިޔާބީއެވެ. އަދި ގުރީން ޕާޓީއަށް ލިބިފައިވަނީ 14 އިންސައްތަ ވޯޓެވެ.

ޖަރުމަންވިލާތުގައި ސަރުކާރެއް އެކުލަވާލުމަށް އެންމެ ފުރަތަމަ ފުރުޞަތެއް ލިބޭނީ އެސްޕީޑީއަށެވެ. ބެލެވޭ ގޮތުގައި އެ ޕާޓީން އިއްތިޙާދެއް މަސައްކަތްކުރާނީ ގުރީން ޕާޓީއާއި ފުރީ ޑިމޮކްރެޓުންނާއެވެ. ނަމަވެސް ސަރުކާރެއް އެކުލަވާލުމުގެ މަރުޚަލާއަށް ގިނަ މަސްތަކެއް ނަގާނެއެވެ.