ޚަބަރު

ނައިފަރުގައި އައިސްޕްލާންޓެއް އެޅުމަކީ ރައީސްގެ ވަޢުދުފުޅެއް ނޫން: މިނިސްޓަރ


ޅ.ނައިފަރުގައި އައިސްޕްލާންޓެއް ޤާއިމްކުރުމަށް އެރަށުގެ މަސްވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި އެދިވަޑައިގެންފައި ނުވާކަމަށާއި، އެއީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްވެސް ނޫންކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް، ފިޝަރިޒް މިނިސްޓަރާއި ކުރައްވާފައިވާ ސުވާލަކީ، ނައިފަރުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނައިފަރުގެ މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދެއްކަމަށާއި، ނަމަވެސް މިހާތަނަށް އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް އެއްވެސް ސިފައެއްގައި ކުރިއަށް ނުދަނީ ކީއްވެތޯއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ފަށާނެ ތާރީޚަކީ ކޮބައިތޯވެސް ޝިޔާމް ވަނީ ސުވާލުކުރައްވާފައެވެ.

މެމްބަރު ޝިޔާމްގެ އެ ސުވާލަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވި، ނައިފަރުގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެއް ނޫންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ކެމްޕެއިންގެ ތެރެއިން 2018 ސެޕްޓެމްބަރ 15ގައި ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން ނައިފަރުގެ މަސްވެރިންގެ ފަރާތުން ރައީސްއަށް ހުށައެޅުއްވީ ޅ.ފެލިވަރުން ފަސޭހަ ގޮތެއްގައި އައިސް ލިބޭނެ ގޮތް އިންތިޒާމްކުރުމަށްކަމަށާއި އެއަށްފަހު އެދިފައިވަނީ އެރަށުގައި ސްލިޕްވޭއެއް ހެދުމާއި، އިންޖީން މަރާމާތުކުރާ ސެންޓަރެއް ޤާއިމްކުރުމާއި، ޑައިވްކޮށްގެން އެންހިފުން ފާދިއްޕޮޅުގައި މަނާކުރުމުގެ އިތުރުން، ލޭނު އަޅައިގެން މަސް ހިފުން ރާއްޖޭގައި މަނާކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"2018 ސެޕްތެމްބަރު 15 ގަ ކެމްޕެއިންގެ ތެރެއިން މަސްދޯންޏެއްގައި މަސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނައިފަރުގެ މަސްވެރިން ރައީސްގެ ކިބައިން އެދުނު ކަންކަމުގެ ތެރޭގައި ނައިފަރުގައި އައިސް ޕްލާންޓެއް ހަދައިދޭކަށް އެދިފައެއް ނެތް"

މިނިސްޓަރ ވިދާޅުވީ ނައިފަރުގެ މަސްވެރިން އެދުނު ގިނަ ކަންކަން މިހާރު ކުރެވިފައިވާކަމަށެވެ. އެގޮތުން ޑައިވްކޮށްގެން ދާ އަޅައިގެން މަސްވެރިކަންކުރުން މަނާކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ލޭނު އެޅުންވެސް ހުއްޓިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ފެލިވަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިސަރުކާރާ ހަވާލުވިއިރު ފެލިވަރުން އައިސް ޓަނެއް ވިއްކަނީ 1060 ރުފިޔާއަށްކަމަށާއި، ނަމަވެސް މިހާރު އެ އަގު 750 ރުފިޔާއަށް ދަށްކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފެލިވަރުގައި 100 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރާނެ ކަމަށާއި، އޭގެ ތެރެއިން 50 ޓަނުގެ އައިސް ޕްލާންޓް މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވާނެކަމަށެވެ.

ނައިފަރުގައި އައިސް ޕްލާނެއްޓެއް ޤާއިމްކުުރުމަކީ ރައީސް ޞާލިޙްގެ ވަޢުދުފުޅެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، ނައިފަރުގައި އައިސްޕްލާންޓެއް ޤާއިމްކޮށްދެއްވުމުގެ ވަޢުދަކީ، ރައީސް ޢަބްދުﷲ ޔާމީން އެރަށުގެ މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދެކެވެ.