ޚަބަރު

ލާންސް ކޯޕްރަލް ސުލްޠާންގެ ޖަނާޒާ ބާއްވަނީ ރަސްމީ ޢިއްޒަތުގައި


މިދިޔަ ހޮނިހިރު ދުވަހު ތަމްރީނެއް ހެދުމަށް އިންޑިއާގައި ހުއްޓާ ނިޔާވި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރަސްމީ ޢިއްޒަތުގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ސުލްޠާންގެ ހަށިގަނޑު ގެނެސްފައިވަނީ މިއަދު މެންދުރު 1 ޖެހިއިރުކަމަށެވެ. އަދި ހަށިގަނޑު ގެންގޮސްފައިވަނީ އާ ސަހަރާއަށްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ޖަނާޒާ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ރަސްމީ ޢިއްޒަތުގައިކަމަށެވެ. އަދި މިއަދުގެ އަސުރު ނަމާދަށްފަހު ޖަނާޒާގެ ކަންކަން ކުރިއަށްގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޢާއިލާއިން ބުނެއެވެ.

ކޯޕްރަލް މުޙައްމަދު ސުލްޠާން ނިޔާވެފައިވަނީ އިންޑިއާގެ ޕޫނެގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި ކޭމްޕް ގްރީންހޯންގައި ކުރިއަށްގެންދިޔަ އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އޭނާ ދުވަމުންދަނިކޮށް ވެއްޓުމާއެކު ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާ، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ ނިޔާވެފައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އއ.ހިމަންދޫ ރޯޒްމީޑް، ޢުމުރުން 22 އަހަރުގެ ކޯޕްރަލް މުޙައްމަދު ސުލްޠާން ސިފައިންގެއާއި ގުޅުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. މުޙައްމަދު ސުލްޠާން ފުރިހަމަކުރަމުންދިޔައީ މިއަހަރުގެ މާރިޗް 1އިން 2024ވަނަ އަހަރުގެ މާރިޗް 15އަށް އިންޑިއާގެ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދާ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.

އޭނާ ނިޔާވުމާއި ގުޅިގެން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ހުންނަ ސިފައިންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ.