ޚަބަރު

ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމާމެދު ހޯމަދުވަހު ގޮތެއް ނިންމަނީ


ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ހުށައެޅުމާމެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމަވާނެކަމަށް މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވެއްޖެއެވެ.

މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވަނީ، އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި، ކްރިމިނަލް ކޯޓުން އެމަނިކުފާނަށް ކޮށްފައިވާ ޙުކުމް ތަންފީޒްކުރުން ފަސްކޮށްދިނުމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލާގައި ވަނީ ދެފަރާތުން ހުށައަޅާ ހުށައެޅުންތައް ހުށައަޅަ ނިންމާލާފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ޖަލު ހުކުމުގެ އެންމެ ދަށް މިންގަނޑެއް ރައީސް ޔާމީނަށް ކަނޑައަޅާއި، ޖޫރިމަނާގެ އެންމެ މަތީ ޢަދަދު ކަނޑައެޅަފައިވާ ގޮތާމެދު ކުރި ސުވާލަށް ޖަވާބުދެއްވާފައެވެ.

މައްސަލަ ބައްލަވާ ރިޔާސަތުން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ދައުލަތުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަނީ ކުރާ ކުށާއި އެކަމުގެ މިންވަރަށް ބަލައިގެން ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިމައްސަލާގައި ލޯންޑަރކޮށްފައިވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށްވާއިރު، ލޯންޑަރ ކޮށްފައިވަނީ ގިނަ ޢަދަދެއްގެ ފައިސާކަން ދައުލަތުން ފާހަގަކުރެއްވިއެވެ. އަދި ކުށްކޮށްފައި ވަނީ މާލީ މަންފާއެއް ލިބިގަތުމަށް ކަމަށްވާތީ އަދަބުވެސް ކަނޑައެޅުމުގައި މާލީ އަދަބެއް ދިނުމަށް ދައުލަތަށް ގަބޫލު ކުރެވޭކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުން ވަނީ ދައުލަތާއި ރައިސް ޔާމީނަށް ދެވޭ ފުރުޞަތަށްފަހު އާ ހެކި ހުށައެޅުމަށް ރައީސް ޔާމީނަށް ފުރުޞަތު ދެވޭނެކަމަށެވެ. އަދި އެ ހުރިހާ މަރުހަލާއެއް މި އަޑުއެހުމުގައި ނިންމުމަށް އަމާޒުކުރައްވާފައިވާކަމަށާއި، އެގޮތަށް ޝަރީޢަތް ގޮއްސިނަމަ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލައި ޖަލު ހުކުމް ތަންފިޒްކުރުން ފަސްކުރުމާމެދު ގޮތެއް ނިންމަވާނެކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާއިރު، އިތުރު ޝަރީއަތްތަކެއްވެސް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ. އަދި ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލުހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަހަރާ ދެއްކުމުގެ އަމުރަކަށް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.