ކުޅިވަރު

ސާފް ޗެންޕިއަންޝިޕް: ޤައުމީ ޓީމް އިޢުލާނުކޮށްފި


އޫރީދޫ ސާފް ޗެންޕިއަންޝިޕް މުބާރާތުގައި ވާދަކުރާ ޓީމް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިޢުލާނުކޮށްފިއެވެ. ގަތަރަށް ދިޔަ ސްކޮޑްގެ ތެރެއިން ފަސްކުޅުންތެރިން ބާކީކޮށް މުބާރާތުގައި ވާދަކުރާ ޓީމް އެފްއޭއެމްއިން އިޢުލާނުކުރީ ރޭގެ ވަގުތެއްގައެވެ.

ގަތަރުގައި ކުރިޔަށްދިޔަ ޓްރެއިނިންގއަށްފަހު ބާކީ ކުރީ ދަ ގްރާންޑޭގެ ޔަސްފާދު ހަބީބާ، މާޒިޔާގެ މޫސާ ޔާމީންއާއި، އަޙުމަދު ޢަބްދުﷲ އާއި، ޓީސީ ސްޕޯޓްސްގެ ޢަލީ ޝާމިސް އާއި، ގްރީސް ސްޓްރީޓްސްގެ ހަސަން ނަޒީމް. ޓްރެއިނިންގ ކޭމްޕަށް ޤަތަރަށް ފުރަން ނެގި ސްކޮޑުގައި 30 ކުޅުންތެރިން ހިމެނިއެވެ. ގަތަރުގެ ޓްރެއިންގ އަށް ނެގި ސްކޮޑުގައި ކީޕަރު ހުސައިން ޝަރީފް އަނިޔާގެ ސަބަބުން ކޭންޕުގައި ބައިވެރި ނުވެވުނެވެ.

އެފްއޭއެމުން މިފަހަރުގެ ސާފް ޗެންޕިއަންޝިޕަށް ނެގި ޓީމުގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރެއިން އަށް ކުޅުންތެރިންނަކީ ސާފް ޗެންޕިއަންޝިޕްގައި އަލަށް ވާދަކުރާ ކުޅުންތެރިންނެވެ. އެކުޅުންތެރިންނަކީ މާޒިޔާގެ އިބްރާހީމް އައިސަމް، ޔޫވީގެ ޢަލީ ހައިޝަމް، ގޯލްކީޕަރު ޢަލީ ނާޖިހު އީގަލްސްގެ ރާއިފް އަޙުމަދު، މުޙައްމަދު ނާއިމް، ވެލެންސިއާގެ ކީޕަރު މުޙައްމަދު ޝަފީޢު އަދި ދަ ގްރާންޑޭގެ ޤާސިމް ސައްމާމުއެވެ.

2018ވަނަ އަހަރު ސާފް ޗެންޕިއަންޝިޕްގެ ތަށި ނެގި ޓީމްއިން ޖާގަ ގެއްލުނު ތަޖްރިކާބާރު 3 ކުޅުންތެރިންކަމަށްވާ އަލީ އަޝްފާޤު ދަގަނޑޭ އާއި އިސްމާޢީލް އީސައާއި، މުޙައްމަދު އުމެއިރުއަށްވަނީ އަލުން ގައުމީ ޓީމްއިން ޖާގަ ދީފައެވެ.
ދަގަނޑޭ ވަނީ 2005، 2008، 2009، 2011، 2013 އަދި 2015 ގެ މުބާރާތުގައި ކުޅެ މީގެ ތެރެއިން 2008 ގައި ތަށި ހޯދާފައެވެ.
ގަތަރުގެ ކޭމްޕަށް ފަހު ގައުމީ ޓީމު ވަނީ އެނބުރި މާލެ އައިސްފައެވެ. މި މަހުގެ 1 އިން 16 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.