މުނިފޫހިފިލުވުން

އެންމެ ފަހުން "ސޫރިޔަވަންޝީ" ނޮވެމްބަރުގައި އަޅުވަނީ

އެތައް ބަޔަކު އިންތިޒާރުކުރަމުން އަންނަ ރޯހިތް ޝެޓީގެ "ސޫރިޔަވަންޝީ" އަންނަ ނޮވެމްބަރުމަހު ސިނަމާތަކަށް ދޫކޮށްލަން އެންމެ ފަހުން ނިންމައިފިއެވެ.

މިދިޔަ އަހަރު ރިލީޒްކުރަން ނިންމި ފިލްމު ރިލީޒުނުވެ ފަސްވަމުން އައީ ކޯވިޑާއި ހެދިއެވެ. ފިލްމު ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުގެ މާޗް 24 ގައެވެ. އެހެންނަމަވެސް އިންޑިއާ ލޮކް ޑައުންކޮށް ސިނަމާތައް ބަންދުކުރުމުން މިހާތަނަށްވެސް ފިލްމު ރިލީޒްކޮށްފައެއް ނުވެއެވެ. ސަބަބަކީ ސިނަމާތަކުގައި ނޫނީ މި ފިލްމު ރިލީޒްނުކުރަން ޕްރޮޑަކްޝަން ޓީމުން ނިންމުމެވެ.

މި ފިލްމު މިހާރު ސިނަމާތަކަށް އަންނަނީ އިންޑިއާގައި ބޮޑު އީދެއްގެ ގޮތުގައި ފާހަގަކުރާ ދިވާލީއާއި ދިމާކޮށެވެ. ފިލްމު ސިނަމާތަކުގައި އަޅުވާނެކަމަށް މިހާރު ބެލެވެނީ އަންނަ ނޮވެމްބަރުމަހުގެ 13 ވަނަދުވަހުއެވެ.

ހިންދީ ސިނަމާތަކުގައި ބޮޑެތި ފިލްމުތައް ރިލީޒްކުރާނެ ތާރީހުތައް އާއްމުވާން މި ފެށީ އަންނަ މަހުގެ 22 ވަނަދުވަހު އަލުން ސިނަމާތައް ހުޅުވަން ބައެއް ސްޓޭޓްތަކުން ނިންމުމުންނެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕޮރޮޑަކްޝަނާއި ގުޅިގެން ރޯހިތު އުފައްދާފައިވާ "ސޫރިޔަވަންޝީ" ގެ ލީޑްރޯލުން ފެނިގެންދާނީ އަކްޝޭ ކުމާރެވެ. މީ ރޯހިތްގެ ކޮޕް ޔުނިވާސްގެ ތިންވަނަ ފިލްމެވެ. މީގެކުރިން އޭނާ ވަނީ މި ސީރީޒްގެ ދަށުން "ސިންގަމް" އަދި "ސިމްބާ " ރިލީޒްކޮށް ބޮޑު ތަރުހީބެއް ހޯދާފައެވެ. މީ ރޯހިތާއި އެކު އަކްޝޭ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އަދި މީގެކުރިން ގިނަ ފިލްމަތަކެއް އެކުގައި ކުޅުނު އަކްޝޭއާއި ކެތްރީނާ އެއް ފިލްމަކުން އަނެއްކާވެސް ފެންނަ ފަހަރެކެވެ.

ރޯހިތްގެ މި ސީރީޒްގެ " ސިންގަމް" ގެ ތަރި އަޖޭ އާއި "ސިމްބާ" ގެ ތަރި ރަންވީރުވެސް " ސޫރިޔަވަންޝީ" ގައި އަކްޝޭއާއި އެކު ހާއްސަ ފެނިލުމެއްގައި ފެންނާނެއެވެ.

ކޯވިޑަށް ފަހު ލޮކްޑައުން ދޫކޮށްލުމުން ސިނަމާތަކަށް އެންމެ ފުރަތަމަ އައިސްފައިވަނީވެސް އަކްޝޭގެ ފިލްމެކެވެ. އަކްޝޭއާއި ވާނީ ކަޕޫރްގެ އިތުރުން ލާރާ ދައްތާ ފެނިގެންދާ " ބެލްބޮޓަމް" ވަނީ ސިނަމާތަކުގައި ރަނގަޅު އާމްދަނީއެއް ހޯދާފައެވެ.