ޚަބަރު

ހއ. އިން ތ. އަތޮޅަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި


ވައިގަދަވެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. އަދި ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވިއްސާރަކުރާނެތީ އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާތީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 22:30 އިން 02:30އާ ހަމައަށެވެ. އަދި ހަމަ އެވަގުތުތަކުގައި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.



މޫސުން ގޯސްވާނެތީ އެކަމަށް ސަމާލުވުމަށް ފުލުހުންނާއި އެމްއެންޑީއެފުންވެސް ދަނީ އިލްތިމާސްކުރަމުންނެވެ. އެގޮތުން ކޮންމެހެން ކުރަންޖެހޭ ކަނޑު ދަތުރެއް ނޫނީ ނުކުރުމަށާއި، ކަނޑުމައްޗަށް ނިކުންނައިރު މޫސުމާބެހޭ މަޢުލޫމާތު ހޯދުމުގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ކަނޑު ގަދަވުމާއި ގުޅިގެން މިއަދު ވަނީ ސަފާރީއެއް އަޑިއަށްގޮސް ނުރައްކާތެރި ޙާދިސާއެއްވެސް ހިނގާފައެވެ. މި ޙާދިސާގައި މީހަކު ވަނީ ނިޔާވެފައެވެ.

މީގެއިތުރުން ބޯކޮށް ވާރޭވެހި އަތޮޅުތަކުގެ ބައެއް ރަށްތަކުގައި ފެން ބޮޑުވުމާއި ވައި ގަދަވެ ގަސްތައް ވެއްޓުމުގެ ޙާދިސާތައްވެސް ހިނގާފަވެއެވެ. އެގޮތުން މާލޭގެ ބައެއް މަގުތަކުގައި ހުރި ބޮޑެތި ބައެއް ގަސްތައްވެސް ވަނީ ވެއްޓިފައެވެ.

ފުލުހުން ވަނީ ވައިގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އުސް އިމާރާތްތަކުގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށާއި ބެލްކަނި އަދި ޓެރެސްގައި ހުންނަ ގަސްމުށިފަދަ ތަކެތި ބިންމައްޗަށް ނުވެއްޓޭނެހެން ރައްކާތެރިކަމާއެކު ބެހެއްޓުމާއި، ވަޔާ އެއްލައިލަފާނެ ފަދަ ތަކެތި އެއްލައި ނުލާނޭހެން ބަނދެ ރައްކާތެރިކޮށްފައި ބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެއެވެ.