ޚަބަރު

ފަލަސްޠީނުގެ ބިންތަކުން ފައިބަން ޔަހޫދީންނަށް މުޙްލަތެއް ދީފި


އިސްރާއީލުގެ ޔަހޫދީ ދަޢުލަތަށް ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ވެރިކަންކުރާ މަޙްމޫދު ޢައްބާސް ހަރުކަށި އިންޒާރުތަކެއް ދެއްވައިފިއެވެ.

ވީޑިޔޯ މެދުވެރިކޮށް އދގެ ޢާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން ޢައްބާސް ވިދާޅުވީ ކުރިޔަށްއޮތް އެއް އަހަރުދުވަހުގެ ތެރޭގައި އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުން ޔަހޫދީންގެ ފައުޖުތައް ނުފައިބައިފިނަމަ އިސްރާއީލުގެ ޔަހޫދީ ދަޢުލަތް ބަލައިގަތުމަށް ނިންމާފައިވާ ނިންމުން އަނބުރާ ގެންދަވާނެކަމަށެވެ. އަދި 1967ވަނަ އަހަރުގެ ސަރަޙައްދީ ރޮނގާ ހަމައަށް ޔަހޫދީންގެ ފައުޖުތައް ފަހަތަށް ޖެހެންޖެހޭނެކަމަށާއި އިރުމަތީ ޤުދުޞްވެސް ފަލަސްޠީނަށް ދޭންޖެހޭނެކަމަށް ޢައްބާސްވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން އޭނާވަނީ ބައިނަލްއަޤްވާމީ ޞުލްޙައިގެ މަހާސިންތާއެއް ބޭއްވުމަށް އދއަށް ގޮވާލައިފައެވެ. އަދި ކުރިޔަށްއޮތް އަހަރުދުވަހުގެ ތެރޭގައި އދ މެދުވެރިވެގެން އިސްރާއީލާއެކު ޞުލްޙަވެރިކަމާއެކު މަޝްވަރާކުރަން ތައްޔާރަށް ހުންނެވިކަމަށްވެސް ޢައްބާސްވަނީ ވިދާޅުވެފައެވެ. އޭނާ އެ މޭރުމުން ވާހަކަދައްކަވާފައިވަނީ ފަލަސްޠީނުގެ ޢާއްމުންގެ މެދުގައި އޭނާއަށް އޮންނަ ތާޢީދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނުގެ ބިންތަކުން ފޭބުމަށް ހުޅަނގުގެ ތާޢީދު އޮންނަ ޢައްބާސް މުޙްލަތެއް ދެއްވުމުން އިސްރާއީލުން ބުނެފައިވަނީ ޞުލްޙަވެރިކަމަށް ލޯބިކުރާ މީހުން ހަރުކަށި އިންޒާރުތަކެއް ނުދޭނެކަމަށެވެ. އަދި ޢައްބާސަކީ އެއްވެސް ބާރެއްނެތް ބޭފުޅެއްކަން އަނެއްކާވެސް ސާބިވެފައިވާކަމަށްވެސް އިސްރާއީލުންވަނީ ބުނެފައެވެ.

ޔަހޫދީން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުޞް އިސްތިޢުމާރުކޮށްފައިވަނީ 1967ވަނަ އަހަރު ކުރި ޢަރަބި އިސްރާއީލު ހަނގުރާމައިގައެވެ. އަދި އިސްރާއީލުގެ ޔަހޫދީ ދަޢުލަތް ފަލަސްޠީނުން ޤަބޫލުކޮށް ބަލައިގަނެފައިވަނީ 1993ވަނަ އަހަރުގެ ތެރޭގައި ސޮއިކުރި އޮސްލޯ މުޢާޙަދާގެ ދަށުންނެވެ.