ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ކާމިޔާބު އދ، ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އދ.ގެ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޤްރީރު ކުރައްވާފައި ވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހު ދިވެހިންގެ މާދަރީ ބަސް، ދިވެހިބަހުންނެވެ. މި ތަޤުރީރުގައި އދ. ގެ ރިޔާސަތާ މުޚާތަބްކުރައްވައި ދިވެހި ބަހުން ވާހަކަދެއްކެވިކަމީ، މިނިވަން ދައުލަތެއްގެ މަޤާމު މީގެ 56 އަހަރުކުރިން ރާއްޖެއަށް ލިބުމާ ގުޅިގެން، ބައިނަލްއަޤްވާމީ މަސްރަޙުގައި ބަސްބުނުމުގެ ޤާބިލިއްޔަތާ މެދުގައާއި، ދިވެހިރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ޤައުމެއްތޯ ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވުނު ސުވާލުގެ ޖަވާބުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ވަގުތުކޮޅަކީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް ދިވެހިން ކުޑަ ނޫންކަން މުޅިދުނިޔެ ހެކިވި ވަގުތުކޮޅެއްކަން ފާހަގަކުރައްވައި މިއީ ހުރިހާ ދިވެހީންނަށް ލިބުނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި ކޯވިޑް-19ގެ ބަލިމަޑުކަމަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މުޅި ދުނިޔެ އދ. ގެ ޢާންމު މަޖިލީހަށް ބަރޯސާވާކަން ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، ޙަކަތައާއި، ޢިލްމާއި، ހުނަރާއި، ހޯދުންތައް އެއްތަންކޮށް، އެކަމުގައި ހިއްސާވުމަށް އެއްބަސްވާން ޖެހޭކަން އެމަނިކުފާނުގެ ތަޤްރީރުގައި ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ އެމަނިކުފާނުގެ ތަޤްރީރުގައި، މޫސުމީ ބަދަލުތަކުގެ މައްސަލައަށް ވެސް އަލިއަޅުވާލެއްވިއެވެ. އެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި މައްސަލައިގައި ކުރާ ޝަކުވާއާއި ކުރާ ވަކާލާތުގައި އަމާންދީ، ފަހަތަށްޖެހުމުގެ އިޚްތިޔާރު ދިވެހިންނަށް ނެތްކަންކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރެއްވުމާއި ދުނިޔެއަށް ކުރިމަތުވެފައިވާ ޓެރަރިޒަމްގެ މައްސަލަފަދަ އެތައް މައުޟޫޢަކަށް އަލިއަޅުވާލެއްވިއެވެ.

އދ.ގެ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އ.ދ.ގެ މައި އިދާރާގައި ބޭއްވި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ "ކްލައިމެޓް މޮމެންޓް"ގައި ވާހަކަފުޅު ދައްކަވާފައެވެ. "ކްލައިމެޓް މޮމެންޓް" ބައްދަލުކުރެއްވުމަކީ، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްއާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ޚާއްޞަ ދައުވަތެއް ލިބިވަޑައިގަންނަވާ ދުނިޔޭގެ މަދު ލީޑަރުންކޮޅެއްގެ މެދުގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ޙަވާސާގައި، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ރައީސް ޢަބްދުﷲ ޝާހިދާއި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި އެކިއެކި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޝަރަފުގައި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްވި ފަރިއްކޮޅެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ޢާންމު މަޖިލީހުގެ ބައްދަލުވުމުގެ ޙަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހައިލެވެލް ޑިސްކަޝަންތަކާއި ޙަފްލާތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

އެގޮތުން އެއޯސިސްގެ ލީޑަރސް ސަމިޓް 2021ގައާއި، ޑަރބަން ޑެކްލެރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި ޙަފްލާ އާއި، ޓްރާންސްފޮރމޭޓިވް އެކްޝަން ފޮރ ނޭޗަރ އެންޑް ޕީޕަލްގެ ފަރާތުން ބޭއްވެވި ޙަފްލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ޢާންމު މަޖިލީހުގެ ޙަވާސާގައި ރައީސުލްޖުމްހޫރިއްޔާ، ވަނީ ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިވެސް މަޝްވަރާތައް ބާއްވަވާފައެވެ. އެގޮތުން ޕޯޗުގަލްގެ ރައީސް، މާސެލޯ ރެބެލޯ ޑިސޯޒާއާއި ސްވިޒަރލެންޑް(ސްވިސް ކޮންފެޑެރޭޝަން)ގެ ރައީސް، ޕާރމެލިން އާއި ކާބޯ ވަރޑޭގެ ރައީސް ޖޯޖް ކާރލޮސް ފޮންސެކާ އާއި ކޯޕަރޭޓިވް ރިޕަބްލިކް އޮފް ގަޔާނާގެ ރައީސް، ޑޮކްޓަރ މުޙައްމަދު އިރްފާން ޢަލީއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި، ރިޕަބްލިކް އޮފް ޕަލާއޫގެ ރައީސް ސުރަންގެލް އެސް. ވިޕްސް ޖޫނިއަރ އާއި އަދި ކުވޭތުގެ ބޮޑުވަޒީރު ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙް އާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާތައް ބޭއްވެވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައެއް ބައްދަލުވުންތަކާއި ޙަފްލާތަކުގެ އިތުރުން، ބައެއް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އދ.ގެ ޢާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވާފައި ވަނީ 2019 ވަނަ އަހަރެވެ. އެއީ އޭގެ ކުރިން ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ނުކުރައްވާ އޮތުމަށްފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު، އދ.ގެ ޢާންމު މަޖިލީހަށް ވަޑައިގެން ތަޤްރީރުކުރެއްވި ފުރަތަމަ ފަހަރުކަމުގައިވުމުން އެފަހަރަކީވެސް ރާއްޖެއަށް ވަރަށް ޚާއްޞަވެގެންދިޔަ ފަހަރެކެވެ.

އަދި މިފަހަރު އ.ދ.ގެ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން ރާއްޖެއަށް މާބޮޑަށް ޚާއްޞަވާ ސަބަބަކީ މިއީ ފުރަތަމަ ފަހަރަށް ރާއްޖެއިން އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަހަރުކަމުގައިވާތީއެވެ.