މުނިފޫހިފިލުވުން

"ބިގް ބޮސް 15" ފަށަނީ، ޑިޖިޓަލް ޝޯގެ ކާމިޔާބާއިއެކު ވިދްޔާއަށް ފިލްމެއް


މިއަހަރުގެ "ބިގް ބޮސް" ޑިޖިޓަލް ޝޯ ކާމިޔާބުކުރި ތަރި ވިދްޔާ އަގްރްވާލް ޝޯ ކާމިޔާބު ކުރުމާއިއެކު އޭނާއަށް އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.

ކާމިޔާބީގެ ވާހަތަކާއި އެކު ވިދްޔާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަކަމަށް ހަބަރުތައް ބުނެއެވެ. ދެކުނުގެ އެންމެ ކާމިޔާބު އެއް އެކްޓަރ ފިލްމު "ބަހޫބާލީ" ގެ ތަރި ޕްރަބާސް އާއިއެކު ފިލްމެއްގެ މަސައްކަތް ވިދްޔާ ވަރަށް އަވަހަށް ފަށާނެކަމަށްވެއެވެ.

ޕްރަޝާންތް ނީލް ޑައިރެކްޓްކުރާ ފިލްމު "ސަލާރު" ގެ މަސައްކަތް ޕްރަބާސް މިހާރު ކުރަމުންދާއިރު ވިދްޔާ ފެނިގެން ދާނީ މި ފިލްމުގެ ރޯލަކުން ކަމަށް ހަބަރުތައް ބުނެއެވެ. އެހެންނަމަވެސް ފިލްމާއި ބެހޭ މާ ބޮޑު ތަފްސީލްތަކެއް އަދި އާއްމެއް ނުވެއެވެ.
އެހެންނަމަވެސް މި ފިލްމުގައި ވިދްޔާގެ ރޯލެއް ހިމެނިއްޖެނަމަ މީ އޭނާގެ ކެރިއަރަ ބަދަލުކޮށްލާނެކަމަށް ކަމަށޤ ނޫސްތައް ބުނެއެވެ.

ޕްރަބާސްގެ އިތުރުން "ސަލާރް" ގެ ލީޑް ރޯލުން ދެން ފެނިގެންދާނީ އެކްޓްރެސް ޝުރުތީ ޙަސަން އެވެ.

ބިގް ބޮސް މިފަހަރު ފުރަތަމަ ކުރިޔަށް ދިޔައީ ކަލާޒްގެ ސްޓްރީމިން ޕްލެޓްފޯމް ވޫޓްއިންނެވެ. މިމަހުގެ 17 ގައި ނިންމާލި "ބިގް ބޮސް ވޫޓް"ގެ ބައެއް ތަރިންވެސް ޓީވީ ޝޯއިން ފެންނާނެކަމަށް ހަބަރުތައް ބުނެއެވެ.

އަންނަ މަހުގެ 2 ވަނަދުވަހުގެރޭ ފަށާ "ބިގް ބޮސް 15" ގައި ބައިވެރިވާ ހުރިހާ ތަރިން އަދި ޔަގީން ނުވި ނަމަވެސް މި ފަހަރުގެވެސް ހޯސްޓަކީ ސަލްމާން ހާނެވެ. މި ފަހަރުގެ ސީޒަން ގާތްގަޑަކަށޤ 5 މަސްދުވަހަށް ދެމިގެންދާނެކަމަށް ސަލްމާން ވަނީ ބުނެފައެވެ. ސެލެބްރިޓީންތަކެއް ގެއެއްގެ ތެރޭގައި ބަންދުކޮށް އެކި ޓާސްކްތައް ހަވާލުކުރާ މި ޝޯ ފެށީ 3 މަސްދުވަހު އެ ތަރިން އެގޭގައި ބައިތިއްބާ ގޮތަށެވެ. އެހެންނަމަވެސް ބައެއް ސީޒަންތައް ދިގުވަމުން އައިސް އެނެމް ފަހުގެ ދެ ސީޒަންވަނީ ވަރަށް ދިގުވެގެން ގޮސްފައެވެ.

މި ފަހަރުގެ ސީޒަން ގެނެސްދޭނީ ޖަންގަލީ ތީމަކަށް ބިނާކޮށެވެ.