މުނިފޫހިފިލުވުން

ކަޕިލް ޝަރްމާ ޝޯ އާއި ދެކޮޅަށް ކޯޓަށް މައްސަލައެއް


ކޯޓް ރޫމް ސީންއެއްގައި ރާ ބޯ މަންޒަރު ދައްކައި ކޯޓުތަކުގެ ޙުރުމަތް ކެނޑިކަމަށް ބުނެ "ދަ ކަޕިލް ޝަރްމާ ޝޯ" އާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައފިއެވެ.

އިންޑިއާގެ ޝިވް ޕޫރީ ޑިސްޓްރިކްޓް އަދި މަދްޔާ ޕްރަދޭޝްގެ ކޯޓަކަށް މި މައްސަލަ ހުށަހަޅާފައިވަނީ ސުރޭޝް ދާކަދް ނަމަކަށް ކިޔާ އާދައިގެ ޤާނޫނީ ވަކީލެކެވެ. މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ސޮނީ ޓީވީން ދެއްކި ޝޯގެ އެޕިސޯޑްގައި އެކަށީގެންނުވާ މަންޒަރުތަކެއް ހުރިކަމަށް އޭނާވަނީ ބުނެފައެވެ. އަދި މީގެކުރިންވެސް ކަޕިލް ޝޯގައި އަންހެންނުނަށް ނިސްބަތްކޮށް ވަރަށް ވިޔާނުދާ ވާހަކަތައް ހުންނަކަމަށް މައްސަލަ ހުށައެޅު ވަކީލް ބުނެއެވެ.

މައްސަލަ ޖެހުނު ކަމަށް ބުނާ ސީންގައި ދައްކުވައިދެނީ ކޯޓް ރޫމްގެ ތެރެއަށް ބަނގުރާ ފުޅިއެއް ހިފައިގެން ވަދެ އެ ބުއިމަށް އެންމެނަށް ދައުވަތުދޭ ތަނެވެ.

އޯޓީ އެކްޓް އަދި އެކްސައިޒް އެކްޓްގެ ދަށުން މި މައްސަލަ ހުށަހަޅާފައިވަނީ ޝޯ ހޯސްޓް ކުރާ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާއާއި ސޮނީ ޓީވީގެ ޑިރެކްޓަރ އެމްޕީ ސިންގްގެ މައްޗަށެވެ. މި މައްސަލައިގެ އަޑުއެހުންތައް އޮންނާނީ އަންނަ އޮކްޓޫބަރު މަހު 1 ވަނަ ދުވަހުއެވެ.

ކޯވިޑަށް ހުއްޓާލުމަށްފަހު އަލުން ކަޕިލްގެ ޝޯތައް ފެށީ ބައެއް ތަރިން އިތުރުކޮށް ކުރިން ބައެއް ތަރިން ކުޅެމުން އައި ކެރެކްޓަރތައް ބަދަލުކުރުމަށްފަހުއެވެ. މިފަހަރުގެ ސީޒަންގައި ކުރިން ބައްޗަން ޔާދަވްގެ ކެރެކްޓަރ އިން މަޝްހޫރުވި ކިކޫ ޝަރްދާ ފެންނަނީ މަޖާ ވަކީލެއްގެ ރޯލުންނެވެ.