ޚަބަރު

އެމްޑީީޕީ އިންތިޚާބު: ފައްޔާޟް، މަޚްލޫފް، ސިފާ ކާމިޔާބުކުރައްވައިފި


އެމްޑީޕީ އެތެރޭގެ އެންމެ ބޮޑު އިންތިޚާބުގައި ވާދަކުރެއްވި ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން އިންތިޚާބު ކާމިޔާބުކުރައްވައިފިއެވެ.

މިއަދު ހެނދުނު 9 ޖެހިއިރު ފެށި އިންތިޚާބުގެ ވޯޓުލުން ނިމި މިހާރު އިޢުލާންކުރަމުންދާ ވަގުތީ ނަތީޖާ ދައްކާގޮތުން މާލެ ސިޓީގެ ރައީސްކަން ކާމިޔާބުކުރައްވާފައިވަނީ ބޮޑު އަޣްލަބިއްޔަތަކުން މާލޭގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދެވެ. ސިފާއާ އެންމެ ކައިރިންވާދަކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ. އަކްރަމަކީ މިހާރުވެސް އެމްޑީޕީ މާލެ ދާއިރާގެ ރައީސެވެ. މިއިންތިޚާބުގައި އެންމެ ވާދަވެރި އެއް ދާއިރާއަކީވެސް މާލެ ދާއިރާއެވެ.

އިންތިޚާބުގައި ބައެއް ވަޒީރުންވެސް ވާދަކުރެއްވިއެވެ. އެގޮތުން ލ.ގަމު ދާއިރާގެ ރައީސްކަމަށް ވާދަކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލެވެ. އެމަނިކުފާނުވެސް ބޮޑު އަޣްލަބިއްޔަތަކުން ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

އެންމެ ފަހު ވަގުތު އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފްވެސް ވަނީ މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރައްވާ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެގެވެސް ކުރީގައި އުޅުއްވަނީ މަޚްލޫފްއެވެ. މަޚްލޫފްގެ މައްޗަށް ކުރެވޭ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން އޭނާ މިހާތަނަށް ހުންނެވީ މަޤާމުގެ މަސްޢޫލިއްޔަތުތަކުން ސަސްޕެންޑްކޮށްފައެވެ. އެމްޑީޕީން އެންމެ ފުރަތަމަ ނިންމެވީ މަޚްލޫފަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަމަށެވެ. މަޚްލޫފް އެމައްސަލަ އެޕާޓީގެ ގުނަވަންތަކަށާއި، އިލެކްޝަންސް ކޮމިޝަނަށްވެސް ހުށައަޅުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، އެމްޑީޕީގެ ގައުމީ މަޖުލިސް އިންތިޚާބުގައި މަޚްލޫފަށް ވާދަ ނުކުރެވޭ ގޮތަށް އެޕާޓީން ނިންމާފައިވަނީ ގޯސްކޮށްކަމަށެވެ. މިއާއެކު އޭނާއަށް އިންތިޚާބުގައި ވާދަކުރަން ފުރުޞަތު ލިބިވަޑައިގަތީ އެންމެ ފަހު ވަގުތުއެވެ.

މި އިންތިޚާބުގައި އަލިފުށީ ދާއިރާއަކީވެސް ވާދަވެރި ދާއިރާއެކެވެ. އެދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިންނާއި، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވާދަކުރެއްވި އަލިފުށީ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރެއްވީ މުޙައްމަދު ރަޝީދު ޙުސައިންއެވެ.

މިއިންތިޚާބުގައި 3 ރަށެއްފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވޯޓުލުން ކުރިއަށް ގެންދިޔައެވެ. މި އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި އިންތިޚާބެވެ.