ޚަބަރު

އިންޑިއާގައި ތަމްރީނު ހަދަމުންދިޔަ ދިވެހި ސިފައިންގެ މީހަކު ނިޔާވެއްޖެ


އިންޑިއާގައި ތަމްރީނު ހަދަމުންދިޔަ ދިވެހި ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް އއ.ހިމަންދޫ ރޯޒްމީޑް، ޢުމުރުން 22 އަހަރުގެ މުޙައްމަދު ސުލްޠާނެވެ. އޭނާ ތަމްރީނު ހަދަމުން ދިޔައީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކެޑެމީގައެވެ.

އެމްއެމްޑީއެފުން ވިދާޅުވިގޮތުގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި އުޅެނިކޮށް މިއަދު މެންދުރު ފަހު މުޙައްމަދު ސުލްޠާން ނިޔާވީ އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި މިއަދު އޮތް އެންޝިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައެވެ. މިދުވުމުގެތެރޭގައި މުޙައްމަދު ސުލްޠާނު ވެއްޓުމުން ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާ، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ ވަނީ ނިޔާވެފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

2018 އޭޕްރީލް 8ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅުނު މުޙައްމަދު ސުލްޠާން ފުރިހަމަކުރަމުންދިޔައީ މިއަހަރުގެ މާރިޗް 1އިން 2024ވަނަ އަހަރުގެ މާރިޗް 15އަށް އިންޑިއާގެ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދާ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.

މުޙައްމަދު ސުލްތާން ގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމް.އެން.ޑީ.އެފް ވިދާޅުވެއެވެ.