ދުވަސްވީ މީހުންނާބެހޭ ސިޔާސަތު އެކުލަވާލާ ނިންމާ އަންނަަ ޖެނުއަރީމަހުގެ ތެރޭގައި އެސިޔާސަތު އިޢުލާނުކުރެވޭނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމީ ދެބަސްނުވެވޭނެ ހަޤީގަތެކެވެ. ރާއްޖޭގެ އާބާދީ ބެހިފައިވާގޮތަށް ބަލާއިރު އުމުރުން 65 އަހަރުން މަތީގެ އާބާދީގެ ޖުމްލަ ނިސްބަތް މިހާރުވަނީ %4.3 އަށް އަރާފައެވެ. ހަމައެހެންމެ 55 އަހަރާ 64 އަހަރާ ދެމެދު އުމުރުގެ އާބާދީގެ ނިސްބަތް މިހާރުވަނީ %4.8 އަށް އަރާފައެވެ.ރާއްޖޭގެ އާބާދީގައި 65 އަހަރުން މަތީގެ ސަތާރަ ހާހެއްހާ މީހުން މިހާރުވެސް ހިމެނޭއިރު މީގެ ދިހަވަރަކަށް އަހަރުގެ އަހަރުފަހުން މިއަދަދު ދެގުނަވެގެންދާނެކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ލަފާކުރައްވައެވެ. ކުރިޔަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ރާއްޖޭގެ އާބާދީގައި ދޮށީ އުމުގެ މީހުން އިތުރުވެގެންދާނެތީ އެކަމަށްޓަކާ ސަރުކާރުން ދުރާލާދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުގެ ވައުދެއްކަމުގައިވާ "ދުވަސްވީ މީހުންނަށް އުފާވެރި މުސްތަޤްބަލެއް ހޯއްދަވައިދެއްވުމުގެ ވަޢުދު"ގެ ދަށުން ދޮށީއުމުރުގެ މީހުންނާބެހޭ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތްކުރިޔަށްދާއިރު މިކަމަށްޓަކާ ޚާއްޞަ ސެކްޝަނެއް ޖެންޑަރ މިނިސްޓްރީގައި ޤާއުމުކުރައްވާ މިހާރުވެސްވަނީ ދޮށީއުމުގެ މީހުންނަށް އަމާޒުކޮށް ގިނަ ޕްރޮގްރާމްތަކެއް ހިންގަވަން ފައްޓަވާފައެވެ. އެގޮތުން އިސްރަށްވެހިންގެ ތެރޭން އެނދުމަތިވެފައިވާ ފަރާތްތަކުގެ ތެރޭން އެކަމަށް އެދޭފަރާތްތައް ގޭގައި ތިއްބަވަނިކޮށް ޑޮކްޓަރުން ފޮނުވައިގެން ޞިއްޚީ ޚިދުމަތްދިނުމާއި، ދޮށީ އުމުގެ ފަރާތްތަކަށް ހެލްތް ސްކްރީނިންގ ޕްރޮގްރާމް ހިންގުމާއި، ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަކޮށް އެކި ސަރަހައްދުތަކަށް ސްޕެޝަލިސްޓުން ފޮނުވައިގެން ޞިއްޙީ ދުޅަހެޔެކަމަށް ތަފާތު މަސައްކަތްތައް ސަރުކާރުން މިހާރުވެސް ދަނީ ހިންގަވަމުންނެވެ. މީގެ އިތުރުން ޤައުމު ބިނާކުމުގައި އިސްރަށްވެހިންގެ ތަޖްރިބާ ބޭނުންކުރެވޭނެ ގޮތްތައް ހޯދާ އިސްރަށްވެހިންގެ ރޯލު އިތުރުކުރުމަށްވެސް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.އިސްރަށްވެހިންނަކީ އެހެންމީހުންގެ ލޯތްބާއި އިޚްތިރާމް ލިބިގެންވާ ބަޔަކަށް ހެއްދެވުމަށް އެބޭފުޅުންގެ ތެރޭން ފާހަގަކޮށްލެވޭ ފަރާތްތަކުގެ ޕްރޮފައިލްތައް ހަދާ ރައްކާކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.އިސްރަށްވެހިންނަށް ލޯތްބާއި، އޯގާތެރިކަމާ،ރައްކާތެރިކަން ދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަންނަ އަހަރުގެ ތެރޭގައި މާލޭގައި ނުވަތަ މާލެ ކައިރި ސަރަހައްދެއްގައި އެލްޑަރލީ ހޯމެއް އެމީހުންނަށް ބޭނުންވާ ހުރިހާ ޚިދުމަތަކާއެކު ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.މީގެ އިތުރުން އިސްރަށްވެހިންގެ އިޖްތިމާޢީ ކަންކަމަށް ޚާއްޞަކޮށްގެން ލުއި ކުޅިވަރުތައް ހިމެނޭގޮތަށް މާލޭގައި އިސްރަށްވެހިންގެ އިޖްތިމާއީ މަރުކަޒެއް އަންނަ އަހަރުގެ ތެރޭގައި ޤާއިމުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ފަސްދޮޅަށް ފަސްއަހަރުން މަތީގެ ބޭފުޅުންގެ ދިރިއުމުގެ ހާލަތު އެނގޭނެ ނިޒާމެއް ޤައުމުކުރެއްވުމަށް ސަރުކާރުން މިހާރު މަސައްކަތް ފައްޓަވާފައިވާއިރު އެބޭފުޅުން ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރެއްވުމުގެ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް ކުރިން ދެމުންއައި 2000 ރުފިޔާ، 5000 ރުފިޔާއަށް ސަރުކާރުން ވަނީ އިތުރުކޮށްދެއްވާފައެވެ. އެގޮތުން ދޮށީ އުމުރުގެ ބޭފުޅުންނަށް މާލީ އިނާޔަތްދެއްވުމަށް ދައުލަތުގެ ބަޖެޓުން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 83 މިލިޔަނެއްހާ ރުފިޔާ ހޭދަކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.