ޚަބަރު

އެމެރިކާއަށް އަލުން އިތުބާރުކުރަން ދުވަސްނަގާނެ: ފަރަންސޭސިވިލާތް


އެމެރިކާއަށް އަލުން އިތުބާރުކުރަން ދުވަސްނަގާނެކަމަށާއި އެމެރިކާގެ ނިޔަތް ޢަމަލުން ސާބިތުކޮށްދޭންޖެހޭނެކަމަށް ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޯނ އީވު ލު ދޮރިޔަން ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވެފައިވަނީ ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާއިން އައު ސަލާމަތީ އިއްތިޙާދެއް އެކުލަވާލައި އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ އިއްތިޙާދުގައި ފަރަންސޭސިވިލާތް ނުހިމެނުމުން އެ ޤައުމުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ.

އޯކަސްގެ ނަން ދީފައިވާ އައު އިއްތިޙާދެއް އެކުލަވާލިކަން އިޢުލާންކޮށްފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާގެ އެންމެ އިސްވެރިން ވީޑިޔޯ މެދުވެރިކޮށް ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ އިއްތިޙާދުގެ ސަބަބުން އޮސްޓުރޭލިޔާއަށް ފުރަތަމަ ފަހަރަށް ނިޔުކްލިޔަރ ސަބްމެރީން ލިބޭނެއެވެ. ނަމަވެސް އެއީ ނިޔުކްލިޔަރ ހަކަތަ ބޭނުންކުރާ ސަބްމެރީންތަކެއްކަމަށާއި އެ އުޅަނދުތަކުގައި ނިޔުކްލިޔަރ ހަތިޔާރެއް ނުހުންނާނެކަމަށް އެ ތިން ޤައުމުންވެސްވަނީ ބުނެފައެވެ. އޮސްޓުރޭލިޔާއަކީ ނިޔުކްލިޔަރ ހަތިޔާރު ބޭނުންކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ ޤަރާރުގައި ސޮއިކޮށްފައިވާ ޤައުމެކެވެ.

އައު ސަލާމަތީ އިއްތިޙާދެއް އެކުލަވާލައި އިޢުލާންކުރުމުން ފަރަންސޭސިވިލާތުން އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ 2016ވަނަ އަހަރުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެ ޤައުމުން އުފައްދައި ސަބްމެރީން އޮސްޓުރޭލިޔާއިން ނުގަންނަން ނިންމުމުންނެވެ. އޭގެ ބަދަލުގައި އަސްކަރީގޮތުން އޮސްޓުރޭލިޔާއަށް އެހީތެރިކަން ފޯރުކޮށްދޭނީ އެމެރިކާއިންނާއި އިނގިރޭސިވިލާތުންނެވެ. އޭގެ ސަބަބުން ފަރަންސޭސިވިލާތަށް 40 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއްވާނެކަމަށް އެ ޤައުމުން ބުނެފައިވެއެވެ.

އެމެރިކާގެ ނިޔު ޔޯކުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންނާ ބައްދަލުކުރެއްވުމަށްފަހު ލު ދޮރިޔަން ވިދާޅުވީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ނިންމަވާފައިވާކަމަށެވެ. އަދި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ބައްދަލުވުމުގައި ނިންމާފައިވެއެވެ. އެ ބައްދަލުވުމަށްފަހު ބުލިންކެން ވިދާޅުވީ އެމެރިކާގެ ނިޔަތް ޢަމަލުން ސާބޮތުކޮށްދޭންޖެހޭކަން ޤަބޫލުކުރައްވާކަމަށެވެ.

އެމެރިކާއާއި ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރުންގެ މެދުގައި މަޝްވަރާކުރައްވާފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންނާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ފޯނުން ދެއްކެވި ވާހަކަތަކަށްފަހުއެވެ. އެ ދެ ބޭފުޅުންވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ވިލާތުގައި ބައްދަލުކުރެއްވުމަށް ނިންމަވައިފައެވެ.