އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ބައްދަލުކުރައްވައި އޭޝިޔާގައި ތަންފީޒުކުރައްވާނެ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
އދ ޢާއްމު މަޖިލިސް ކުރިޔަށްދާ ދަނޑިވަޅެއްގައި މޯދީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އޭނާވަނީ ވެރިރަށް ވޮޝިންޓަނުގައި ހުންނަ އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ކަމާލާއާ ބައްދަލުކުރައްވައިފައެވެ. އިންޑިޔާއަކީ އޭޝިޔާގައި އެމެރިކާގެ މުޙިއްމު ބައިވެރިއެކެވެ. އެ ގޮތުން ޚާރިޖީގޮތުންނާއި އިޤްތިޞާދީގޮތުންނާއި އަސްކަރީގޮތުން ދެ ޤައުމުގައި ޒަމާންވީ ގާތްގުޅުމެއް އޮވެއެވެ. އޭގެ އިތުރުން ކަމާލާއަކީ ތަމަޅަ ދަރިކޮޅަށް ނިޞްބަތްވެވަޑައިގަންނަވައި ބޭފުޅެކެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި މޯދީއާއި ކަމާލާ ކުރެއްވި މަޝްވަރާތަކުގައި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތަކަށްވަނީ އަލިއަޅުއްވައިލައްވައިފައެވެ. އެ ގޮތުން ހަތުރުވެރި ޗައިނާއިން ކުރިމަތިކުރަމުންދާ ނުރައްކާތަކާ ދެ ޤައުމުން ގުޅިގެން ކުރިމަތިލުމަށްވެސް އެ ބޭފުޅުންވަނީ މަޝްވަރާކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ދުނިޔޭގެ އެންމެ ދުވަސްވީ ދިމީޤްރާތީ ޤައުމުކަމަށްވާ އެމެރިކާއާއި ދުނިޔޭގެ އެންމެ ބޮޑު ދިމީޤްރާތީ ޤައުމުކަމަށްވާ އިންޑިޔާއިން ގެންގުޅޭ އެއްގޮތް ސިޔާސަތުތަކަށް މޯދީވަނީ ތަޢުރީފުކުރައްވައިފައެވެ.
ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ޤައުމުކަމަށްވާ އިންޑިޔާއިން އަލުން ކޯވިޑް-19ގެ ވެކްސިން ބޭރުކުރަން ނިންމުމުން ކަމާލާވަނީ އެ ކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދެ ޤައުމުން ގުޅިގެން ދުނިޔޭގެ ދިމީޤްރާތީ ޤައުމުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް އޭނާވަނީ ވިދާޅުވެފައެވެ. އެ ގޮތުން އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވެ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އެ ޤައުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެވިފައިވާތީ އުފާކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއަށް މޯދީ ކުރައްވަމުންދާ ތިން ދުވަހުގެ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޖޯ ބައިޑަންނާވެސް ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.