ކުޅިވަރު

ގަތަރު ވޯލްޑްކަޕަށް ޕްރިމިއަރ ލީގުން ދިގު ބްރޭކެއް


އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް އިނގިރޭސި ޕްރިމިއާ ލީގުން ނަގާނީ ހަ ހަފްތާގެ ބްރޭކެއް ކަމަށް ކަނޑައަޅައިފިއެވެ. ފީފާ އިން ނޮވެމްބަރާއި ޑިސެމްބަރު ވޯލްޑް ކަޕް ކުޅެން ނިންމީ ނޮވެމްބަރާއި ޑިސެމްބަރުގައި ގަތަރުގެ ފިނިހޫނުމިން ދަށްވާނެކަމަށް ލަފާކޮށް، އެއީ މެޗުތައް ކުޅެން ބަލާއިރު ރަނގަޅުވާނެ ދުވަސްވަރެއް ކަމަށް ބަލާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުން ނިންމާފައިވަނީ ނޮވެމްބަރު 13 އިން ފެށިގެން ހަ ހަފްތާ އަށް ލީގު މެދުކަނޑާލުމަށެވެ. އެހެންކަމުން ނޮވެމްބަރު 21 ވަނަ ދުވަހު ގަތަރު ވޯލްޑް ކަޕް ފަށާއިރު، ޕްރިމިއާ ލީގުގެ ކުޅުންތެރިންނަށް ލިބޭނީ ގައުމީ ޓީމާއެކު ނުވަ ވަރަކަށް ދުވަހުގެ މުއްދަތެކެވެ.

ވޯލްޑް ކަޕް ފައިނަލް މެޗު ޑިސެމްބަރު 18 ވަނަ ދުވަހު ކުޅޭއިރު، ޕްރިމިއާ ލީގު އަލުން ފަށާނީ 26 ޑިސެމްބަރުގައެވެ. އެއީ ވޯލްޑް ކަޕް ފައިނަލް ކުޅޭތާ އަށް ދުވަސް ފަހުންނެވެ. ފީފާ އިން އަންނަ އަހަރު ގަތަރުގައި ވޯލްޑް ކަޕް ބާއްވަނީ އާންމުކޮށް އެ މުބާރާތް ބާއްވާ މުއްދަތުގައެއް ނޫނެވެ. ގަތަރު ވޯލްޑް ކަޕް ޝެޑިއުލް ކޮށްފައިވަނީ ނޮބެމްބަރާއި ޑިސެމްބަރަށެވެ. ސަބަބަކީ ގަތަރުގެ ހޫނުމިން ގަދަވުމުން އާންމު ގޮތެއްގައި ވޯލްޑް ކަޕް ބާއްވާ ޖޫން/ޖުލައި މަހު ނުކުޅެވޭނެތީއެވެ. އެއީ އެ މުއްދަތުގައި ގަތަރުގެ ފިނިހޫނުމިން އުޅޭނީ އެވްރެޖްކޮށް 32 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ކަމަށްވާތީއެވެ.