ޚަބަރު

ޕާޓީ ހިންގަން ހުއްދަ ލިބޭތާ ދެހަފްތާގެ ތެރޭގައި ކޮންގްރެސް ބާއްވާނަން : އެމްއެންޕީ


މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ހިންގުމުގެ އިލެކްޝަން ކޮމިޝަނުން ހުއްދަ ދޭތާ ދެހަފްތާގެ ތެރޭގައި ޕާޓިގެ ކޮންގްރެސް ބާއްވާ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރާނެކަމަށް އެޕާޓިން ބުނެފިއެވެ.

އެމްއެންޕީގެ ޙަރަކާތްތަކާ ގުޅޭގޮތުން މަޢުލުމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި އެޕާޓީގެ ސްޕޯކްސް ޕާސަން އަސްރާ އަޙްމަދު ވިދާޅުވީ، އެޕާޓި އުފެއްދުމަށް ފަސްހާސް ތިންސަތޭކަ މީހުންގެ ފޯމާއި ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަފައިވާކަމަށާ، ޕާޓީ ހިންގުމުގެ ހުއްދަ ލިބޭތާ ދެ ހަފްތާގެ ތެރޭގައި ކޮންގްރެސް ބާއްވާނެކަމަށެވެ. އެގޮތުން ޕާޓިގެ ރައީސްއައި ނާއިބު ރައީސުންނާއި، ޕާޓިގެ ކައުންސިލް މަޤާމުތަކަށް މެންބަރުން އައްޔަންކުރުމަށް ނިންމާފައިވާކަމަށް އަސްރާ ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި އެޕާޓި އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވާ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޝިނާން ވިދާޅުވީ، އެޕާޓިގެ މަޤާމުތަކަށް އައްޔަންކުރާނީ ޢިލްމީ ޤާބިލް ބޭފުޅުންކަމަށެވެ. އަދި ޕާޓީ ހިންގުމުގެ ހުއްދަ ލިބުނުހާ އަވަހަށް މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާނެކަމަށްވެސް ޝިނާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެޕާޓިގައި އެންމެ އިސް ބަޔަކަށްވާނީ ޕާޓިގެ މެންބަރުންކަމަށާއި، އެޕާޓިއަކީ ވީހާވެސް ޑިމޮކްރަޓިކްކޮށް އަދި އެހެން ޕާޓިތަކަށް ނަމޫނާ ޕާޓިއަކަށް ވާނެކަމަށް ޝިނާން ވިދާޅުވިއެވެ.

"ޕާޓިގެ އެންމެ އިސް ބަޔަކީ ޕާޓިގެ މެންބަރުން. ދެން މިއޮޓި ޕާޓިގައި ނޭޝަނަލް އެގްޒެކެޓިވް ކައުންސިލެއް. ހަމައެއާއެކު ނެޝަނަލް ކޮންގްރެސް. ދެން މިނަގަނީ 6 ވީޕީން. އޭގެ ތެރެއިން 5 ވީޕީން ނަގަނީ އެކި ދާއިރާތަކަށް ބަހާލައިގެން. ރާއްޖެ ފަސް ދާއިރާއަކަށް ބަހާލައިގެން." ޝިނާން ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އުފެއްދުމަށް ބޭނުންވާ މެންބަރުންގެ ފޮމާއި ސޮޔާއެކު އިލެކްޝަން ކޮމިޝަނަށް ހުށައެޅީ މިމަހުގެ 15ގައެވެ. ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވާ އުފައްދަވާ އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ.

އެމްއެންޕީން ވަނީ 2023ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައެވެ. އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ.