ޚަބަރު

ޖަލު އަދަބުގެ އެންމެ ދަށް، ޖޫރިމަނާގެ އެންމެ މަތީ ޙުކުމް އައިގޮތް ސާފުކޮށްދޭން އެދިއްޖެ


މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީނަށް ޖަލު އަދަބުގެ އެންމެ ދަށް މިންވަރު ކަނޑައަޅައި ޖޫރިމަނާގެ އެންމެ މަތީ ޢަދަދު ދެއްކުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިގޮތް ރަނގަޅުކަމަށް ވަކާލާތުކުރާ ސަބަބު ސާފުކޮށްދިނުމަށް ސްޕްރީމް ކޯޓުން ދައުލަތުގެ ވަކީލުންނަށް އަންގަވައިފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ 5 އަހަރަށް ޖަލަށް ލުމަށާއި، ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކުރުމަށެވެ.

މިއަދު ސުޕްރީމްކޯޓުގައި ކުރިއަށްދިޔަ، ރައީސް ޔާމީނުގެ ފަރާތުން ހުށައެޅި އިސްތިއުނާފު މައްސަލައިގައި އިސްތިއުނާފުުކުރި ނުކުތާތަކަށް ދަޢުލަތުން ދިން ރައްދުގެ ތެރެއިން ދައުލަތުގެ ވަކީލުންވަނީ ރައީސް ޔާމީނުގެ ފަރާތުން ހުށައެޅި އިސްތިއުނާފު ނުކުތާތަކުގެ ތެރެއިން ފުރަތަމަ ކުރި ކުށަކަށް ބޮޑު އަދަބެއް ދިނުމާގުޅޭ ނުކުތާއަށް ރައްދުދެއްވާފައެވެ.

ދައުލަތުން ވިދާޅުވީ ރައީސް ޔާމީނުގެ ފަރާތުން އެނުކުތާ ފާހަގަކޮސްފައިވަނީ މިހާރު އަމަލުކުރަމުންދާ ޤާނޫނުލް އުޤޫބާތުގެ ދަށުންކަމަށާ، ނަމަވެސް މީހެއްގެ މައްޗަށް ކުރެވޭ ދަޢުވާއާ ގުޅިގެން އެކުށެއްގެ އަދަދު ލުއިކުރެވޭނެގޮތާއި މަތިކުރެވޭނެގޮތް އެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

މިހިސާބުން މިމައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުވަނީ މައްސަލަ އިސްތިއުނާފުކުރި ފަރާތުން ހުށައެޅި ނުކުތާގައި ފާހަގަކުރިގޮތަށް ޖަލު ޙުކުމުގެ އެންމެ ދަށް، އަދި ޖޫރިމަނާގެ އެންމެ މަތިއައީ ކިހިނެއްތޯ ސާފުކޮށްދޭން އެދިވަޑައިގެންފައެވެ.

މިއާއެދު ދައުލަތުގެ ވަކީލު ވިދާޅުވީ ޖަލު އަދަބު 5 އަހަރާއި 15 އަހަރާ ދެމެދުން ކަނޑައެޅުމާއި، ލޯންޑަރކުރި ފައިސާގެ އަދަދު 5 ގުނައަށްވުރެ އިތުރު ނުވާގޮތަށް ޖޫރިމަނާގެ އަދަބު ކަނދައެޅުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރެއްކަމަށެވެ.

އަދި މިމައްސަލައިގެ އަދަބާގުޅޭގޮތުން ދެފަރާތުންވެސް ދަށުކޯޓުގައި ވާހަކަދައްކާފައިވާކަމަށާއި، ދައުލަތުން އެދުނީ އަދަބުގެ އެންމެ ލުއި މިންވަރު ކަމަށާއި، ޖޫރިމަނާގެ މިންވަރު އިތުރުކުރަން އެދުނީ ކުށްވެރިވި ފަރާތް އޭރު ހުރި މަޤާމުގައި ހުރެ ބޭނުންކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދަޢުލަތައް ލިބެންޖެހޭ ފައިސާއަކަށްވުމުންކަމަށެވެ.

އެއާއެކުވެސް ފަނޑިޔާރު ވަނީ ޖަލު ޙުކުމުގެ އެންމެ ދަށް އަދި ޖޫރިމަނާގެ އެންމެ މަތިކުރަން ކްރިމިނަލް ކޯޓުން ޙުކުމްކުރިގޮތް ރަނގަޅުކަމަށް ވަކާލާތުކުރާ ސަބަބު ޖަސްޓިފައިކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެހިސާބުން މިއަދުގެ ޝަރީއަތުގެ އަޑުއެހުންވަނީ ނިންމާލައްވާފައެވެ.

އަދި ދެން ޝަރީއަތް އޮންނަދުވަހު އެކަމުގެ ތަފްސީލާއި އިސްތިއުނާފު ނުކުތާތަކާ ގުޅިގެން ދަޢުލަތުންދޭ ރައްދުތައް ހުށައެޅުން އޮންނާއެވެ.