ޚަބަރު

ޙަމާސަށް ދެމުންދިޔަ އެހީތެރިކަން ސޫދާނުން ކަނޑާލައިފި

ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ޙަމާސް ޖަމާޢަތަށް އެހީތެރިކަން ފޯރުކޮށްދޭ ސޫދާނުގެ ކުންފުނިތައް އެ ޤައުމުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފިއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސަށް އެހީތެރިކަން ފޯރުކޮށްދޭ ސޫދާނުގެ ކުންފުނިތައް އެ ޤައުމުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައިވަނީ ހުޅަނގުގެ ޤައުމުތަކާއެކު އޮންނަ ގުޅުންތައް ބަދަހިކުރުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އެއާއެކު އެ ޤައުމުގެ 50 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަންޏަށް ލުއިތަކެއް ލިބޭނެކަމަށް ބެލެވެއެވެ. އޭގެ އިތުރުން އެމެރިކާއިންވަނީ ނިރުބުވެރިކަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުން ސޫދާން އުނިކޮށްފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި ސޫދާނުގައި ކުރި ބަޣާވާތުގައި އެ ޤައުމުގެ ރައީސްގެ މަޤާމުން ޢުމަރު އަލްބަޝީރު ވަކިކުރުމުން ފަލަސްޠީީނުގެ މައްސަލައިގައި އެ ޤައުމުން ޢަމަލުކުރަމުންދާ އުޞޫލުތަކަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޢުމަރު އަލްބަޝީރަކީ ވަރަށް ފާޅުގައި ޙަމާސަށް ތާޢީދުކުރެއްވި ބޭފުޅެކެވެ. އޭނާގެ ވެރިކަމުގައި ޙަމާސަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ އިތުރުން އެ ޤައުމުގައި އެ ޖަމާޢަތުގެ ހަނގުރާމަވެރިންނަށް އަސްކަރީ ތަމުރީންތައް ފުރިހަމަކުރުމުގެ ފުރުޞަތުވެސްވަނީ ދެއްވައިފައެވެ.

ޙަމާސަށް އެހީތެރިކަން ފޯރުކޮށްދޭ ސޫދާނުގެ ކުންފުނިތައް އެ ޤައުމުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުން އެ ޖަމާޢަތަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެކަމަށް ބެލެވެއެވެ. އެ ގޮތުން ޙަމާސަށް ބޭނުންވާ ފައިސާ އެއްކުރުމާއި ހަނގުރާމަވެރިން ތަމުރީންކުރުމާއި އީރާނުގައި އުފައްދައި ހަތިޔާރު ޣައްޒާއަށް ގެންދިޔުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭނެއެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ސޫދާނުންވަނީ ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރުކޮށްފައިވާ އިސްރާއީލާ ޚާރިޖީ ގުޅުން ޤާއިމުކޮށްފައެވެ.