ވިޔަފާރި

ހިޔާ ފްލެޓް ލިބުނު މީހުންނަށް ޚާއްސަ އިސްލާމިކް އިންޝުއަރެންސް ޕްލޭނެއް


ހިޔާ ފްލެޓު ލިބުނު މީހުންނަށް ޚާއްސަކޮށް، ގޭތެރޭގެ ސާމާނުތައް އިންޝުއާ ކުރެވޭ ޕޮލިސީއެއް އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ތަޢާރަފުކޮށްފިއެވެ.

އެލައިޑުގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިޕެކޭޖު ތައާރަފްކުރެއްވީ އެލައިޑް އިންޝުއަރަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާނާއި އަޔާދީ ތަކާފުލްގެ އެސިސްޓަންޓް މެނޭޖަރ ފަރީދާ ސިއްތިއެވެ.

"އަހަރެންގެ ހިޔާ"ގެ ޕެކޭޖުން ގޭތެރޭގައި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ އެހެނިހެން އަގުބޮޑު ތަކެތި ރައްކާތެރިކޮށްދޭނެކަމަށް އެލައިޑުން ބުނެއެވެ. ޕެކޭޖުގައި 3 ބާވަތެއްގެ ޕްލޭނެއް ހިމެނޭއިރު، މިއިން ކޮންމެ ޕްލޭނަކުންވެސް ގޭތެރޭގައިވާ ތަކެއްޗަށް ގެއްލުން ލިބިދާނެ އެތަކެއް ހާލަތަށް ބަދަލު ހޯދައިދެއެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކާއި، ވައްކަން އަދި ގުދުރަތީ ކާރިސާތަކުން ގޭތެރޭގައިވާ ތަކެއްޗަށް ލިބޭ ގެއްލުމުގެ އިތުރުން އެހެނިހެން ހާލަތްތަކަށްވެސް "އަހަރެންގެ ހިޔާ"ގެ ޕްލޭންތަކުން ރައްކާތެރިކަން ފޯރުކޮށްދޭނެކަމަށް އެލައިޑުން ބުނެއެވެ.

މި ޕެކޭޖާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެލައިޑް ޖެނެރަލް މެނޭޖަރ ފިރުޝާން ވިދާޅުވީ އަޔާދީއިން މިޕްލޭން ތައްޔާރުކޮށްފައިވަނީ ހެޔޮ އަގެއްގައި ފަސޭހައިން ހޯދޭ ރައްކާތެރިކަމެއް އެކުލަވާލުމުގެ ނިޔަތުގައެވެ. މި ޕެކޭޖްގެ ދަށުން އަހަރަކު ދައްކަންޖެހެނީ އެންމެ 200 ރުފިޔާއެވެ. އަދި 200 ރުފިޔާ ދައްކައިގެން "އަހަރެންގެ ހިޔާ"ގެ ބޭސިކް ޕްލޭނުން އެކަނިވެސް 150،000 ރުފިޔާއާއި ހަމަޔަށް ރައްކާތެރިކަން ޔަގީންކުރެވޭނެކަމަށް ފިރުޝާން ވިދާޅުވިއެވެ. އެހެންކަމުން، ބޮޑު ހަރަދުކޮށްގެން ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތްތައް ނިންމުމަށްފަހު ފްލެޓަށް ވަންނައިރު، ކުރިމަތިވެދާނެ މާލީ ގެއްލުމަކުން ރައްކާތެރިވުމަށް މިފަދަ ރައްކާތެރިކަމެއް އޮތުން މުހިންމުކަމުގައި ފިރުޝާން ފާހަގަ ކުރެއްވިއެވެ.

"އަހަރެންގެ ހިޔާ"އަކީ ކަސްޓަމަރުންގެ ޖީބަށް ލުއި ވުމުގެ އިތުރުން މިޕްލޭން ނެގުމުގައިވެސް ފަސޭހަތަކެއް އެކުލަވާލުމަށްޓަކައި މިއީ އޮންލައިންކޮށް މައި އެލައިޑުން ނެގޭނެ ހިދުމަތެއްކަަމަށް އެލައިޑުން ބުނެއެވެ.