މުނިފޫހިފިލުވުން

ކަރަން ޖޯހަރާއި ނެޓްފްލިކްސްގެ އެއްބަސްވުން ނިމުމަކަށް


ކަރަން ޖޯހަރާއި އަޕްރޫވާ މެހެތާގެ ދަރްމެޓިކް އެންޓަރޓެއިންމަޓާއި ނެޓްފްލިކްސްއިން ވެފައިވާ އެއްބަސްވުން ދެ އަހަރަށްފަހު ނިމުމަކަށް ގެނެސްފިއެވެ.

2019 ވަނަ އަހަރު ދެ ފަރާތުން ވީ އެއްބަސްވުމުގެ ދަށުން ދަރްމެޓިކް އެންޓަރޓެއިންމަންޓުން ފިކްޝަން އަދި ނޮން ފިކްޝަން ފިލްމުތަކާއި ސީރީޒްތައް ނެޓްފްލިކްސްއަށް އުފައްދައިދޭން ޖެހެއެވެ. މި އެއްބަސްވުން އުވާލި ވަކި ސަބަބެއް ދެ ފަރާތުން ހާމަނުކުރި ނަމަވެސް އެއްބަސްވުން ނިމުމަކަށް އައުމުން އެހެން ސްޓްރީންމިން ޕްލެޓް ފޯމްތަކާއި މަސައްކަތްކުރުމަށް ދަރްމާއަށް ދެން ހުރަހެއް ނޯންނާނެއެވެ.

އެއްބަސްވުން އުވާލި ނަމަވެސް މިހާރު އެއްބަސްވެފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ދަރްމާއިން ނިންމާނެއެވެ. މިގޮތުން ކުރިއަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް އެބަހުއްޓެވެ. އަދި ބައެއް ޝޯތަކުގެ ދެ ވަނަ ސީޒަނަކަށްވެސް ވަނީ ތައްޔާރުވެފައެވެ. މީގެތެރޭގައި "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ، "ފައިންޑިންގ އަނާމިކާ" ، "މީނާކްޝީ ސަންދަރޭޝްވާރު" ފަދަ ޝޯތައް ހިމެނެއެވެ.

ދަރްމެޓިކް އެންޓަރޓެއިންމަންޓުން މިހާތަނަށް ނެރެފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި "ސާރޗިންގް ފޯ ޝީލާ" ، "އަޖީބް ދާސްތާންސް" ، އަދި "ގިލްޓީ" ހިމެނެއެވެ.

"އޭ ދިލްހޭ މުޝްކިލް ހޭ" އަށްފަހު ކަރަންގެ ކުރިއަށް އޮތް ޑައިރެކްޝަން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޝޫޓިންތައް މިހާރުވަނީ ފަށާފައެވެ. މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ ރަންވީރް ސިންގާއި ޢާލިއާ ބަޓްއެވެ.