ޚަބަރު

ސިވިލް ކޯޓުގެ ޤާޟީ ޢަލީ ނަޞީރު މެޖިސްޓްރޭޓް ކަމުގެ މަގާމަށް ދަށްކޮށްފި


ސިވިލް ކޯޓުގެ ޤާޟީ ޢަލީ ނަޞީރުގެ މަޤާމުގެދަރަޖަ ދަށްކޮށް މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސިވިލް ކޯޓުގެ ޤާޟީ ޢަލީ ނަޞީރުއާމެދު މިގޮތަށް ސުލޫކީ ފިޔަވަޅު އަޅާފައިމިވަނީ ސިވިލް ކޯޓުގެ ދެ ޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމުން، އެ ދެ ޤަޟިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަޞްލަޙަތެއް މިވަގުތު ނެތްކަމަށް ކަނޑައަޅައި، ޤާޟީ ޢަލީ ނަޞީރު އެ ޤަޟިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް ޙުކުމްކޮށްފައި ވަނީ އެ ޤަޟިއްޔާގެ މައުޟޫޢަށް ޙުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް ޤާޟީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަޤްޞަދުގައިކަން ތަޚްޤީޤަށް ސާބިތުވެފައިވާތީއެވެ.

‎ޖޭއެސްސީން ވިދާޅުވީ ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިޞަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަޤުޞަދުގައި މައްސަލައިގެ ޚަޞްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ޙުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އަސާސީ އުޞޫލުތަކާ ޚިލާފުކަމެއްކަމަށެވެ.

އަދި ފަނޑިޔާރުގޭގެ މުޤައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއްކަމުގައި އެކަން ވާތީ، ޤާޟީ ޢަލީ ނަޞީރުގެ އެ ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފު ޢަމަލެއްކަމަށް މި މައްސަލަ ބެލި ޖޭއެސްސީގެ ކޮމިޓީގެ ތަޚްޤީޤުގައި ނިންމާފައިވާކަމަށެވެ.

އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ޤާޟީ ޢަލީ ނަޞީރު ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުމަށް ނިންމީކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.