ކުޅިވަރު

ސަޖަންއަށް ކުޅިވަރުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު


އާމިނަތު ސަޖަންއަށް ކުޅިވަރުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބިއްޖެއެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފެތުންތެރިޔާ ސަޖަންއަށް މަތީތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބުނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ މެދުވެރިެގެންނެވެ.

މިއީ ސަޖަންގެ ކުޅިވަރުގެ ޙަޔާތުގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކަށް ބަލައި ސަޖަންގެ ވަކި ދާއިރާތަކެއް ފުރިހަމަ ވެފައި ހުރުމުން ލިބުނު ފުރުސަތެކެވެ. މި ފުރުސަތަކީ އޮލިންޕިކްގައި ވާދަކުރާ ކުޅިވަރު ކުޅުންތެރިންނަށް ޚާއްޞަކޮށްގެން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ދޭ ސްކޮލަޝިޕް ފުރުޞަތެކެވެ. ސަޖަން އަކީ މި ފުރުސަތު ލިބުނު ރާއްޖޭގެ ފުރަތަމަ ކުޅިވަރު ކުޅުންތެރިޔާއެވެ.
ބެލްޖިއަމްގެ ކޭޔޫ ލޫވަން ޔުނިވާސިޓީން ސަޖަން ފުރިހަމަކުރާނީ މާސްޓާސް އިން ސްޕޯޓްސް އެތިކްސް އެންޑް އިންޓެގްރިޓީ ޕްރޮގްރާމެކެވެ.

މި މާސްޓަރސް ޕްރޮގްރާމްގެ ތެރެއިން ސްޕޯޓްސްގެ އެތިކްސްގެ ތަފާތު ސަގާފަތްތައް ނަގަހައްޓާނެ ގޮތާއި ތައުލީމީ ދާއިރާއިން ކުޅިވަރު ތަރައްޤީކުރެވޭނެ އެކި އެކި ގޮތްތައް އުނގަނައިދޭނެއެވެ. މި ޕްރޮގްރާމުގެ ސަބަބުން ކުޅިވަރުގައި ގިނަ ބަޔަކު ތަމްރީން ކުރުމަށް ފުރުޞަތު ފަހިވެ އެކި ގޮތްގޮތުން ކުޅިވަރުގެ ދާއިރާއަށް ފައިދާތަކެއް ކުރާނެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ބުނީ މި ޕްރޮގްރާމް ފުރިހަމަ ކޮށްގެން ސަޖަން އެނބުރި ރާއްޖެ އައިސް ދިވެހި ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ އެކުލަވާލި އެތުލީޓްސް ކޮމިޝަންގައި ހިމެނޭ ސަޖަން އަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފެތުންތެރިއެކެވެ.

އެގޮތުން ސަޖަން އަކީ 2016 ވަނަ އަހަރު ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީ ސާފު ގޭމްސްގައި ސްވިމިން އިން ރާއްޖެ އަށް ގެނައި ފުރަތަމަ މެޑަލް ހޯދައިދިން ފެތުންތެރިޔާއެވެ.

ބްރެޒިލްގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ހޯދި ސަޖަން ވަނީ ރާއްޖޭގެ މޮޅު ފެތުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އަދި ސިންގަޕޫރުގައި ބޭއްވި ޔޫތު އޮލިމްޕިކްސްގައި ވެސް ވާދަކޮށްފައިވާ ސަޖަން ވަނީ ފެތުމުން ގައުމީ ފެންވަރުގެ ގިނަ އެވޯޑްތަކެއް ވެސް ޙާސިލްކޮށްފައެވެ.