 
										
			ކޯވިޑް19ގެ ބަލިމަޑުކަމަކީ ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ގޮންޖެހުންކަމަށާއި، ނަމަވެސް އެކަމުގައި ހަމަޖެހުމުގެ ނޭވާއެއް ލެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. 
އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ތަޤުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ކޯވިޑަކީ ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ގޮންޖެހުންކަމަށްވާއިރު، އެކަމުގެ ސަބަބުން ރާއްޖެއަށް އެކި ދާއިރާތަކުން ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ތަހައްމަލްކުރަން ޖެހުނުކަމަށެވެ. 
އދގައި ތަޤުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ކޯވިޑްގެ ސަބަބުން ބޯޑަރު ބަންދުކުރުމުން ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވިކަމަށެވެ. 
"ފަތުވެރިކަން މުޅިން ހުއްޓުނު. ބޭރު ފައިސާ ލިބުން ދަތިވި. ވިޔަފާރިތައް ހުއްޓުމަކަށް އައި. ފުރަބަންދުގެ ސަބަބުން ރައްޔިތުންގެ އިޖްތިމާޢީ ދުޅަހެޔޮކަން އެނދުމަތިވި. ދެލޯ ނޭދިއެދޭ އަޅުގަނޑުމެންގެ ދަރީންގެ ތަޢުލީމު އަހަރުތަކަކަށް ފަހަތަށް ޖެހުނު، މިކަންކަމާ ކުރިމަތިލުމުގައި އިހަށް ވިސްނަން ޖެހުނީ، މިކަމުގައި ވިސްނަންވީ ގޮތަކީ ކޮބައިތޯ؟ ބޯޑަރުތައް ބަންދުކުރީ ހިތާ ޒަމީރު ރުހިގެންނެއް ނޫން" ރައީސް ވިދާޅުވިއެވެ. 
ރައީސް ސާލިހު ވިދާޅުވި ކޯވިޑްގެ ބަލިމަޑުކަމާއި ކުރިމަތިލުމަށް ކުރަންޖެހުނީ މަސައްކަތް ވަރަށް ބުރަވިކަމަށެވެ. އޭރު ވެކްސިން އޮތީ ހަމައެކަނި ދެކޭ ހުވަފެނެއްގެ ގޮތުގައިނަމަވެސް މިބަލިމަޑުކަމުގެ ތެރެއިން މިހާ ހިސާބަށް އާދެވެންދެން ކަންތައްތަކެއް ކަށަވަރުކުރިކަމަށެވެ. 
"އެއީ ކަމާބެހޭ ޞިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތީގާ ދެމިތިބުން، މުވައްޒަފުންނާ މުއައްސަސާތަކާ ވޮލަންޓިއަރުންގެ ސަފުތައް ރުކުރުވާލުން، ކާޑާ، ބޭހާ، ތެލާ، އެނޫންވެސް ޒަރޫރީ ތަކެތީގެ ސްޓޮކް ގުދަން ކުރުން، ނަތީޖާއެއްގެ ގޮތުން އެދުވަހު ޤައުމުލީ ފުންނޭވާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފައި" ރައީސް ސާލިހު ވިދާޅުވިއެވެ.  
ރައީސް ވިދާޅުވީ ރާއްޖޭގައި ރާއްޖޭގާ ދިރިއުޅޭ އާބާދީގެ 85 އިންސައްތަ އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފިކަމަށާއި ވެކްސިން ޖެހޭ ޢުމުރުފުރާގެ 95 އިންސައްތަ އަށްވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިންވެސް ފުރިހަމަވެއްޖެކަމަށެވެ. އަދި ސްކޫލްތައް ފެށި، ވިޔަފާރިތައް ހިނގައިގަނެ،  ރިޒޯޓުތައް ހުޅުވިއްޖެކަންވެސް ރައީސް ސާލިހުގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.