ޚަބަރު

ދުވަސްވީ ސިޔާސަތުތަކަށް އިންޤިލާބީ ބަދަލެއް ގެންނަންޖެހޭ - ރައީސް


މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ޢަމަލު ކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލެއް ގެންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަނުގައި ތަގުރީރްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލާއި ތިމާވެއްޓަށް ލިބޭގެއްލުމުގެ އަގު އިންސާނިއްޔަތަށް ކިހާބޮޑުކަން މިއަދުގެ ދިރާސާތަކާއި ޢިލްމީ ސައިންޓިފިކް ރައުޔު ހެކިދޭކަމަށެވެ. އެގޮތުން އައި.ޕީ.ސީ.ސީން ދާދިފަހުން އެކުލަވާލި ރިޕޯޓްގައިވެސް ގިނަގުނަ ކަންބޮޑުވުންތަކާއި އިންޒާރުތައް ހިމަނާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް އެއްވެސް ފެންވަރެއްގައި ދޭންވީ އަހަންމިއްޔަތާއި ސަމާލުކަން ނުދެވި، އެއީ އިވޭ ހުސް އަޑުތަކެއްގެ ގޮތުގާ ދޫކޮށްލެވުނުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

"މިދިޔަ 5 އަހަރަކީ 19 ވަނަ ޤަރުނުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ދުނިޔެ ތަހައްމަލުކުރި އެންމެ ހޫނުގަދަ 5 އަހަރުކަމަށެވެ. އަދި 1901 ން 1970 އާ ދެމެދަށް އަޅާބަލާއިރު ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް 3 ގުނަ އިތުރުވެއްޖެ. އަދި ދުނިޔޭގެ ހޫނުމިނުން 1.1 ޑިގްރީ ސެލްސިއަސް އުފުލިއްޖެ އެ ރިޕޯޓްގާ ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ކަންބޮޑުވާންޖެހޭ އެއީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ހައްލު ކުރުމަށް އިންސާނުންނަށް ވަގުތު ކުޑަތަންވެފައިވާކަމުގެ އިންޒާރު" ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މޫސުމާއި ގުޅޭގޮތުން ކުރަން ޖެހުނު ކަންކަން ނުކޮށް ތިބުމުގެ ސަބަބުން އެއްވެސް ކަމެއް ދެން އިތުރަށް މާދަމާއަށް ލަސްކުރެވެން ނެތްކަމަށެވެ. އަދި ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި މިހާރު ޖައްވަށް ބޭރުކުރާ ގެނދަބުޅީގެ މިންވަރު 2030 އާ ހަމައަށް 45 އިންސައްތަ ދަށްކުރަންޖެހޭކަން ރައީސް ސާލިހު ތަކުރާރުކުރެއްވިއެވެ.

"އިންސާނީ ނަސްލު ނެތިދިއުން ނުވަތަ މާހައުލު ނިޒާމަށް އަންނަ ބަދަލުން ހާލަތު ނާޒުކުވުން މިއީ އިވޭ އަޑެއް. އަތުރާލެވޭ ބަސްތަކެއް، ގެއްލިދިއުން ނުވަތަ ރެފިއުޖީންނަށް ބަދަލުވުން ނޫނީ އަމިއްލަވަންތަކަން ނެތިދިއުން.މިފަދަ ބަސްމަގަކީ ރާއްޖެއާ ރާއްޖެފަދަ ނާޒުކު ތިމާވެށި ލިބިފައިވާ ޤައުމުތަކުގެ ފަހުމަރުހަލާ ސިފަކޮށްދޭ ގޮތް" ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ކުދި ޖަޒީރާތައް ނެތި ދަނީ މިއަދު ކުރިމަތިވާ ތިމާވެށީގެ ސަބަބަކުން ކަމުގައިވާނަމަ ބޮޑެތި ޤައުމުތަކަށްވެސް މުސްތަޤްބަލުގައި އެމައްސަލަތައް ކުރިމަތިވާނޭކަމަށެވެ.

"ދިވެއްސަކަށް ދިރިނޫޅެވި - ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު އެހެން ޤައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެ. މިހަގީގަތްތައް ކިޔައިދީފައިވާ މާސާފު ސާދާ މަޢުސޫމް ކަރުދާސް ތަކެއް އަޅުގަނޑުގެ އަތުގައި އެބަހުރި، މިއީ މިވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތު ކުދިން އަޅުގަނޑަށް ލިޔެފާހުރި ސިޓީ. އެކުދިންވެސް ހެދި ބޮޑުވެ ހަޔާތުގެ އުންމީދުތައް ފުރިހަމަ ކުރަން އެދޭ ޤައުމުގެ ނާޒުކު ތިމާވެއްޓާ ގުޅޭ ގޮތުން މިމަޖިލީހަށް ހުށަހަޅައިދިނުން އެދި އަޅުގަނޑަށް ލިޔެފާހުރި ސިޓީ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަންއޮތް ޖީލުގެ ނިދާ އަޅުގަނޑުމެން އެންމެންވެސް މިއަދު މިއަޑު އަހަންޖެހޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ސަލާމަތުގެ އައްސޭރިއަށް ވާސިލުވުމުގެ އުންމީދު މުޅިން ގެއްލިގެން ނުދާކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ޢަމަލު ކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލެއް ގެނައުން ވަރަށް މުހިންމުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ޤައުމުތަކުން ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިމާވެށީގެ މައްސަލަތަކުން އަރައިގަތުމަށް ޤާބިލްކަމާއި މާލީ ތަނަވަސްކަން ނެތް ޤައުމުތަކަށް، ތަނަވަސް ޤައުމުތަކުން ކުރާ ހޭދައާއި ދޭ އެހީ އިތުރުވާންޖެހޭކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް އިއާދަ ކުރަނިވި ހަކަތައަށް ހިޖުރަ ކުރުމަށް ކުރާ މަސައްކަތް އެއީ ކޮންމެ ދުވަހަކު ކުރާކަމަކަށް ހަދަންޖެހޭކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.