ޚަބަރު

ރޭގެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ނޫސްވެރިންނަށް އަނިޔާވި މައްސަލަ ބަލައިދިނުމަށް އެދިއްޖެ


ރޭ އިދިކޮޅުން މާލޭގައި ކުރިއަށްގެންދިޔަ ދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ނޫސްވެރިންނަށް އަނިޔާވެފައިވާތީ، އެކަން ކޮށްވެރިކޮށް އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް މީޑިއާ ކައުންސިލުން ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު ނޫސްބަތާނެއްގައި ވިދާޅުވީ ރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި، މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާ ލިބިފައިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ނޫސްވެރިންނާއި މީޑިއާތަކުން ހުށަހަޅާފައިވާކަމަށެވެ.

އެގޮތުން، މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއަޅާފައިވާކަމަށާއި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ޝަކުވާ، ފޮޓޯއާއި ވީޑިއޯއާއެކު އެ ކައުންސިލަށްވަނީ ހުށަހަޅާފައިވާކަމަށެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަކީ، މީޑިއާ ކައުންސިލުގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭކަމަކަށްވުމުން ރޭގެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ނޫސްވެރިންނަށް އަނިޔާވެފައިވާތީ، އެކަން މި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މީގެ އިތުރުން، މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާތަކުން، ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށްވެސް މީޑިއާ ކައުންސިލުންވަނީ ހަނދާންކޮށްދީފައެެވެ. އަދި، މުޒާހަރާ ކަވަރުކުރާ ހުރިހާ ވަގުތެއްގައިވެސް މީޑިއާގެ ފާހާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ފާސް ބޭނުންކުރުމަށާއި، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ސަމާލުވުމަށްވެސް އެ ކައުންސިލުންވަނީ އިލްތިމާސްކުރައްވާފައެވެ.