ޚަބަރު

ނަޖީބު އަދިވެސް ބޭނުންފުޅުވަނީ ބޮޑުވަޒީރުކަން


ކުރިޔަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް އެ މަޤާމު ކުރިން ފުރުއްވާފައިވާ ނަޖީބު ރައްޒާޤު ވިދާޅުވެއްޖެއެވެ.

2009ން 2018އަށް މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ނަޖީބު ވިދާޅުވީ އޭނާއާ ދެކޮޅަށް ޚިޔާނާތުގެ ބޮޑެތި ތުޙްމަތުތަކެއް ކުރެވުނު ނަމަވެސް އަދި އޭނާއާ ދެކޮޅަށް ދަޢުވާ އުފުލި ނަމަވެސް ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރައްވައި ބޮޑުވަޒީރުގެ މަޤާމަށް އަންނަވަން ބޭނުންފުޅުވާކަމަށެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތުވާނީ ޤާނޫނު މާނަކުރާ ގޮތެއްގެ ސަބަބުންކަމަށްވެސް ނަޖީބު ވިދާޅުވެފައިވެއެވެ. ނަމަވެސް އޭނާގެ މައްޗަށް އަތުވެދާނެ ޙުކުމަކުން ސަލާމަތްވެވަޑައިގަންނަވާނެ ގޮތެއް ނަޖީބު ވިދާޅެއް ނުވެއެވެ.

ޢުމުރުފުޅުން 68 އަހަރުގެ ނަޖީބު ނިޞަބަތްވަޑައިގަންނަވަނީ މެލޭޝިޔާގެ އެންމެ ބޮޑު ޕާޓީކަމަށްވާ ޔުނައިޓަޑު މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން، ޔޫއެމުއެންއޯއަށެވެ. 1957ވަނަ އަހަރުން ފެށިގެން މެލޭޝިޔާގައި ވެރިކަންކުރަމުންދިޔަ ޔޫއެމުއެންއޯއަށް 2018ވަނަ އަހަރު ވެރިކަން ގެއްލުނެވެ. ނަމަވެސް ތިން އަހަރުގެ ތެރޭގައި އެ ޕާޓީންވަނީ އެނބުރި ވެރިކަމަށް އައިސްފައެވެ. އެއާއެކު ޚިޔާނާތުގެ ދަޢުވާތަކުން ނަޖީބު ސަލާމަތްވަޑައިގަންނަވާނެކަމަށްވަނީ ބެލެވިފައެވެ. އޭނާގެ މައްޗަށްވަނީ ތަފާތު 40 ދަޢުވާއެއް ކޮށްފައެވެ.