ޚަބަރު

އައިއެސް ޖަމާޢަތުން އަފްޣާނިސްތާނުގައި ވަރުގަދަ ޙަމަލާތަކެއް ދީފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއާއި އެ ޤައުމުގެ ފަސްވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ޖަލާލްއާބާދުގައި ވަރުގަދަ ބޮމުގެ ޙަމަލާތަކެއް ދީފިއެވެ.

އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުން ބުނެފައިވަނީ ބޮމުގެ ޙަމަލާތަކުގައި 7 މީހުން މަރުވެ 30 މީހުން ޒަޚަމުވެފައިވާކަމަށެވެ. އެއީ އޮގަސްޓު މަހުގެ 30ވަނަ ދުވަހުގެ ރޭގެ މެންދަމު ބޭރުގެ ހުރިހާ ފައުޖެއް އަފްޣާނިސްތާނުން ފޭބިފަހުން އެ ޤައުމުގައި ދިން އެންމެ ނުރައްކާތެރި ޙަމަލާއެވެ. އަދި އެއީ އަފްޣާނިސްތާނުގައި ސަލާމަތާއި އަމަންއާމާންކަން ޤާއިމުކުރުމަށް ޠާލިބާނުންނަށް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެކަން ދައްކުވައިދިން ޙަމަލާތަކެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޠާލިބާނުން ބުނެފައިވާ ގޮތުގައި އެ ޙަމަލާތައް ދީފައިވާކަމަށް ބެލެވެނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންނެވެ. އަދި އެ ޙަމަލާތައް ތަޙްޤީޤުކޮށް އެ ޙަމަލާތައް ދިނުމުގައި ބައިވެރިވި މީހުން އިންޞާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ޠާލިބާނުން ބުނެފައިވެއެވެ. އެ ޖަމާޢަތުން ބުނެފައިވަނީ އެ ޙަމަލާތައް ދީފައިވަނީ އައިއީޑީތަކެއް ގޮއްވާލައިގެންކަމަށެވެ.

އަފްޣާނިސްތާނުގައި ދިން ބޮމުގެ ޙަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއްވެފައިވަނީ ނަންގަހާރު ޕުރޮވިންސްގެ ވެރިރަށްކަމަށްވާ ޖަލާލްއާބާދަށެވެ. އެއީ އައިއެސް ހަނގުރާމަވެރިން ގިނަ ޢަދަދަކަށް ޙަރަކާތްތެރިވާ ސަރަޙައްދެކެވެ. ނަމަވެސް އެ ޙަމަލާތަކުގެ ޒިންމާއެއް އައިއެސް ޖަމާޢަތުން އުފުލާފައެއް ނުވެއެވެ.

ބޭރުގެ ފައުޖުތަކުން އަފްޣާނިސްތާނުން ފޭބުމުގެ ކުރިން ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އައިއެސް ޖަމާޢަތުން ދިން ބޮމުގެ ޙަމަލާއެއްގައި 175 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެމެރިކާގެ 13 ސިފައިންނާއި ޠާލިބާނުންގެ 28 ހަނގުރާމަވެރިން ހިމެނެއެވެ.