ޚަބަރު

ޔަހޫދީންގެ ޖަލުން ފިލި އެންމެން ހައްޔަރުކޮށްފި


އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އިސްރާއީލުގައި ހިންގައި ޖަލަކުން ފިލި ފަލަސްޠީނުގެ ހުރިހާ ޤައިދީން ހޯދައި އަލުން ހައްޔަރުކޮށްފިއެވެ.

ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އުތުރުގެ ސަރަޙައްދުތަކުގައި ހުންނަ ގިލްބާއޯ ޖަލުން ފިލި 6 މީހުން ހައްޔަރުކުރުމަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ފާއިތުވި ދުވަސްތަކުގައި ވަރަށް ހަރުކަށިކަމާއެކު ޢަމަލުކޮށްފައެވެ. އެ މީހުންގެ ތެރެއިން 4 މީހުން ހައްޔަރުކޮށްފައިވަނީ ޢަރަބިންގެ އަޣްލަބިއްޔަތު އޮންނަ އިސްރާއީލުގެ ރަށެއްކަމަށްވާ އަންނާޞިރާއިންނެވެ.

ގިލްބާއޯ ޖަލުން ފިލި 6 މީހުންގެ ތެރެއިން 2 މީހުން ހައްޔަރުކޮށްފައިވަނީ އިސްރާއީލުގެ އިރުމަތީގައި އޮންނަ ޖިނިންނުންނެވެ. އޭގެ ތެރެއިން އެކަކަކީ ޢުމުރުދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ މީހެކެވެ. އަދި އެ މީހުން ހައްޔަރުކުރުމަށް އިސްރާއީލުގައި އިސްތިޢުމާރީ ފައުޖުތަކުން ޖިނިންގައި ޙަރަކާތްތެރިވާން ފެށުމުން ފަލަސްޠީނުގެ ރައްޔިތުންނާ ދެމެދުވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފައެވެ. ޖަލުން ފިލި 2 މީހުން އަމާންދީފައިވަނީ ފަލަސްޠީނުންގެ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން އެ މީހުން ސަލާމަތްކުރުމަށްކަމަށް ބުނެއެވެ.

ސެޕުޓެންބަރު މަހުގެ 6ވަނަ ދުވަހު ގިލްބާއޯ ޖަލުން ފިލި 6 މީހުންގެ ތެރޭގައި ފަޠަޙަ ޖަމާޢަތުގެ އަލްއަޤްޞާ މަރޓިޔާސް ބުރިގޭޑުގެ އިސްވެރިއެއްކަމަށްވާ ޒަކަރިއްޔާ ޒުބެއިދީ ހިމެނެއެވެ. އޭނާއަކީ 2000ވަނަ އަހަރުން 2005ވަނަ އަހަރާ ހަމައަށް ޔަހޫދީންނާ ދެކޮޅަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި އެކަކެވެ. އަނެއް 5 މީހުން ނިޞްބަތްވަނީ ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ އިސްލާމިކް ޖިހާދަށެވެ. އެ މީހުން ޖަލުން ފިލާފައިވަނީ ބިންގަރާސް ކޮނެގެންނެވެ.

ޔަހޫދީން މީގެ ކުރިން ބުނެފައިވަނީ ގިލްބާއޯ ޖަލުގައި އަޅާފައިވަނީ އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައްކަމަށާއި އެ ޖަލުން ފިލުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. އެ ޖަލުގައި ގިނައިން ބަންދުކޮށްފައި ތިބީ ޔަހޫދީންނާ ދެކޮޅަށް ތަފާތު ޙަމަލާތައް ދީފައިވާ ފަލަސްޠީނުގެ ރައްޔިތުންނާއި ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި ފަލަސްޠީނުގެ ރައްޔިތުންނެވެ.